Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފުވައްމުލައް "އާބަން، ލިވަބްލް" ސިޓީއަކަށް ހަދާނަން: ރައީސް

* ފުވައްމުލަކަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ވިދާޅުވި
* ފުވައްމުލަކުން 3 ގޮޑި އާއި ނައިބް ރައީސް ދެއްވި

އަންނަ ދައުރަށް އިންތިހާބް ވެއްޖެނަމަ ފުވައްމުލަކަކީ ނަމޫނާ "އާބަން، ލިވަބްލް ސިޓީ"އަށް ހައްދަވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ސަރުކާރުން ހިންގި މަޝްރޫއުތައް ނިމުން ފާހަގަ ކުރުމަށް ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފުވައްމުލަކަކީ އެމަނިކުފާނާއި ގާތް ގުޅުމެއް އޮތް ރަށެއްކަމަށެވެ. އެގޮތުން އެމަނިކުފާންގެ ފުރަތަމަ ރަނިންމޭޓަކީ ފުވައްމުލަކު ބޭފުޅެއް ކަމަށާއި، މަޖްލިސްގެ ރައީސްގެ އިތުރުން މަޖްލިސްގެ ތިން ގޮޑިވެސް ފުވައްމުލަކުން އެމަނިކުފާނަށް ހަދިޔާ ކުރެއްވި ކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު އެމަނިކުފާންގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، މަޖްލިސްއިން އިތުބާރު ނެތްކަމަށް ފާސްކޮށް ބޭރުކޮށްލާފައިވާ އިރު ފުވައްމުލަކު މަޖްލިސްގެ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުން ވަނީ ޕީޕީއެމްއިން ވަކިކޮށްފައެވެ.

މަޖްލިސްގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ސޮއިކުރި މައްސަލާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ޕީޕީއެމްއިން ވަކިކޮށް ޕާޓީން ގޮޑި ގެއްލުވާލާފައިވާ އިރު ދާދި ފަހުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު ކުރަން ނިންމުމުން ޕާޓީން ވަކިކޮށް ވަނީ މަޖްލިސް ގޮޑި ގެއްލުވާފައެވެ.

ރޭ ފުވައްމުލަކު ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާންގެ ވެރިކަމުގައި ފުވައްމުލަކަށް 1.1 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށެވެ. އަދި ތަރައްޤީ އިތުރަށް ބޭނުންނަމަ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ވޯޓުގައި އެމަނިކުފާނަށް ވޯޓު އަޅަން ރައްޔިތުންނަށް ހައްގު ކަމަށެވެ.

"…އެހެންވީމާ ކީއްވެގެންތޯ ފުވައްމުލަކުން އެއް ނަމްބަރު ކެންޑިޑޭޓަށް 23 ވަނަ ދުވަހު ވޯޓް ނުދޭންވީ؟ ދޭން ޖެހޭ ނޫންތޯ؟"

ރައީސް ވިދާޅުވީ ދެން އިތުރު ދައުރެއް ލިބިއްޖެނަމަ ފުވައްމުލަކުގެ މަގު ހަދައި ކުނީގެ މައްސަލަ ހައްލުކޮށް ދެއްވާނެކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައިސް ވަނީ އިދިކޮޅު ކެންޑިޑޭޓު އިބޫއަށް ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުގެ އަތުގައި މެނިފެސްޓޯއެއް ނެތްކަމަށާއި، ނަމަވެސް އެމަނިކުފާން ކަންކަން ކުރައްވަނީ ލިޔެގެން މެނިފެސްޓޯއެއްގެ ތެރެއިން ކަމަށެވެ. އަދި މިފަހަރުގެ މެނިފެސްޓޯ ހޯމަ ދުވަހު ބާއްވާ ބޮޑު ޖަލްސާގައި އިއްލާން ކުރައްވާނެކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވި ނަމަވެސް އިއްތިހާދުގެ ކެންޑިޑޭޓު އިބޫގެ "ވައުދުނާމާ" އޮންލައިންކޮށް ބެލެން ހުރި އިރު ވަކިވަކި އަތޮޅުތަކަށް ހާއްސަ މެނިފެސްޓޯ ވެސް ދަނީ ހާމަ ކުރައްވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ތަރައްޤީ ކުރައްވާނެ މެނިފެސްޓޯ ވަނީ ހާމަ ކުރައްވާފައެވެ.