Last Updated: April 19, 21:20
Friday, April 19, 2024
ރިޕޯޓް

ހިޔަލީ ރަޝީދުގެ ތާއީދު އިބޫއަށް، ޔާމީނަށް ބޮޑު ގޮންޖެހުމެއް!

ހިޔަލީ މުހައްމަދު ރަޝީދު: ހިތަދޫގެ ޕީޕީއެމް އެކްޓިވިސްޓުންގެ ގޮތުގައި މިއަދު ތިބީ ހިޔަލީގެ ވަރަށް ގާތް މީހުން.

ރައީސް އަބްދުﷲ ޔާމީން އާއި އެކު އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދު ވަނީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާނެ ކަން ހާމަކުރައްވާފައެވެ. އަދި ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ވެސް ހިޔަލީ ވަނީ ބައްދަލުކުރައްވާފައެވެ.

ހިޔަލީ ރަޝީދު ލަންކާގައި ރައީސް ނަޝީދާއި އެކު ބޭއްވުމުގެ ބައްދަލުވުމުގެ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާއްމު ވުމާއި އެކު ހެން ރައީސް ޔާމީން ވަނީ ހިތަދޫގައި ޕީޕީއެމްގެ ކެމްޕެއިން ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފޭދޫ އަވަށުގެ ރައްޔިތުން ހިތަދޫއަށް ގޮސް އެރަށުގެ މީހުންނަށް ވިސްނައިދިނުމަށް ވެކްސިނެއް ޖަހަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހިޔަލީ ރަސްމީކޮށް އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާކަން ހާމަކުރެއްވުމާއި އެކު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން އެކަނިވެސް އެކަމުގެ ކަންބޮޑުވުން ޕީޕީއެމްގެ ތެރޭގައި އޮތްކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެއީ ރައީސް ޔާމީންގެ އެކުވެރިއެއްގެ ގޮތުގައި ހުންނަވާފައި ދުރަށް ވަޑައިގަތުމުން އެކަންޏެއް ނޫނެވެ.

ހައުސިން އައްޑޫ ޑިޕާޓްމަންޓްގެ ކޯޑިނޭޓަރު ޒުހައިރު ހިޔަލީ އާއި އެކު. އައްޑޫގައި ޔާމީނަށް ތާއީދު އިތުރު ނުވުމުގެ ޒިންމާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ބޮލުގައި ޕީޕީއެމް މެންބަރުން އަޅުވާ.

ފާއިތުވި އިންތިޚާބުތަކުގެ ނަތީޖާތަކަށް ބަލާއިރު ހިތަދޫ މެދު ދާއިރާއިން އެމްޑީޕީ އާއި ދެކޮޅަށް އިންތިޚާބެއްގައި އަމިއްލަފުޅަށް ނިކުމެ އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ ވެސް ހިޔަލީ ރަޝީދެވެ. 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ހިޔަލީ އަށް ނާކާމިޔާބު ވި ނަމަވެސް އެފަހަރުގެ އިންތިޚާބުގައި 898 ވޯޓު ހޯއްދެވިއެވެ.

ހިތަދޫގައި ޕީޕީއެމްގެ އިސްއެކްޓިވިސްޓުންގެ މެދުގައި ހިތްހަމަނުޖެހުންތައް އުޅޭއިރު ހިތަދޫ މެދު ދާއިރާގައި އެކަން ވަކިން ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހިތަދޫ މެދު ދާއިރާގައި 4 ޖަގަހައެއް ހިންގާއިރު އެ ޖަގަހަތަކުގެ ގުޅުން އެހާ ރަނގަޅު ނޫންކަން ރައީސް ޔާމީން އާއި އެކު އައްޑޫއަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހިޔަލީ ރަޝީދު 2014 ގައި ކެމްޕެއިން އަށް ގޭ ބިސީތަކަށް ދިއުން. ފޮޓޯ: ފޭސްބުކް

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވީ، ހިތަދޫގައި ޕީޕީއެމްގެ ޖަގަހަތަކުގެ އެކުވެރިކަމެއް ނެތް ކަމަށެވެ. ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ މެދުގައި ޒާތީ މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވޭ ކަމަށާއި އެއީ ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"ހިޔަލީ އާއި އެކު 2013 އަދި 2014ގައި ނިކުތް ގިނަ މީހުންނަށް. 90 ޕަސެންޓަށް ސަރުކާރުގެ އެކި ތަންތަނުން ވަޒީފާ ހޯދައި ދިނުމަށް އޭނާ އެހީތެރިވެދިން. އެކަން އެމީހުން ދަންނާނެ. މިއަދު އެހެނެއް ނުވޭ ދެއްތޯ. ހިހޫތަނުން ކައިގެން އުޅޭ ބަޔަކު ޕީޕީއެމް ހިންގަން ނިކުމެ ތިބީ. އެމީހުންގެ ޕްރައިމަރީ އޮބްޖެކްޓިވް އަކީ ފައިސާ"، ހިތަދޫގައި ހުންނަ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ޑިރެކްޓަރަކު ބުންޏެވެ.

ރައީސް ޔާމީން ވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހަމަ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ކާމިޔާބު ވާނީ އެންމެ ގުޅިގެން ކުރާ މަސައްކަތުންނެވެ.

އަދި ހިތްހަމަނުޖެހޭ ބަޔަކު ކެމްޕޭންގެ ތެރޭގައި އުޅޭތީ، ބައެއް މީހުން ކެމްޕޭނާ ދުރުވެގެން އުޅުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހިތަދޫގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް ނިކުމެ ތިބީ ހިޔަލީގެ ގާތް މީހުން!

 

އައްޑޫ ސިޓީ، ހިތަދޫގައި ރައީސް ޔާމީން އަށް ކެމްޕެއިން ކުރުމަށް އިސްކޮށް ނިކުމެ ތިބި މީހުންގެ ތެރޭގައި ގިނައީ ހިޔަލީ މުހައްމަދު ރަޝީދުގެ ވަރަށް ގާތް މީހުންނެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ސިޔާސީ މަސައްކަތަށް ހިޔަލީ ނެރެފައިވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ވަޒީފާ ހަމަޖެހިގެން ގޮސްފައި ވަނީ ވެސް 2014 ވަނަ އަހަރު ހިޔަލީ މަޖިލީހުގެ ގޮނޑިއަށް ކެމްޕެއިން ކުރެއްވި ދުވަސްވަރު އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އައްޑޫގައި ހަރަކާތްތެރިވާ މުއާޒު އަދި ހަލީމް 2014 ވަނަ އަހަރު ހިޔަލީ އާއި އެކު ކެމްޕެއިންގައި.

2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ހިޔަލީގެ މަސައްކަތުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ވެސް ޕީޕީއެމް އަށް ވެއްދިއެވެ. އަދި ހިޔަލީ މަސައްކަތް ކޮށްގެން އެމީހުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އޮފީސްތަކުން ވަޒީފާ ވެސް ހަމަޖައްސައި ދީފައިވެއެވެ. އެހެންވެ އެފަރާތްތަކުން ވެސް ހިޔަލީ ސިޔާސީ ގޮތުން ނިންމެވި ނިންމުމަށް ތާއީދު ކުރުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން ހިތަދޫގައި ތިބި ޕީޕީއެމްގެ އިސް އެކްޓިވިސްޓުންނަށް ބަލާއިރު ހިޔަލީ އަކީ ރަށަށް އެންމެ ގިނަ ޚިދުމަތްތަކެއް ކޮށްދިނުމުގެ ރިކޯޑު ވެސް އޮންނެވި ބޭފުޅާއެވެ. ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކަށް ވެދެއްވާފައިވާ އެހީތެރިކަމާއި އެކު ހިޔަލީ އަބަދުވެސް ފާހަގަކުރެވުނީ ޒުވާނުންނާއި ގުޅުން ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ.

"ހިޔަލީ އާއި އެކު 2013 އަދި 2014ގައި ނިކުތް ގިނަ މީހުންނަށް. 90 ޕަސެންޓަށް ސަރުކާރުގެ އެކި ތަންތަނުން ވަޒީފާ ހޯދައި ދިނުމަށް އޭނާ އެހީތެރިވެދިން. އެކަން އެމީހުން ދަންނާނެ. މިއަދު އެހެނެއް ނުވޭ ދެއްތޯ. ހިހޫތަނުން ކައިގެން އުޅޭ ބަޔަކު ޕީޕީއެމް ހިންގަން ނިކުމެ ތިބީ. އެމީހުންގެ ޕްރައިމަރީ އޮބްޖެކްޓިވް އަކީ ފައިސާ"، ހިތަދޫގައި ހުންނަ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ޑިރެކްޓަރަކު ބުންޏެވެ.

ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ހިތަދޫގައި ވަރަށް އާދައިގެ ގޮތަކަށް ޖަހާފައި ހުރި ބެނާއެއް. މިކަމާއި ގުޅިގެން މާލެއިން އައި ވަފްދުން ވަނީ ނުރުހުންފާޅުކުރުމުން މި ބެނާތައް ވަނީ ނަގާފައި.

ހިތަދޫގައި ކެމްޕެއިން ހަރަކާތްތައް ހިޔަލީ ރަޝީދު އިސްވެ ހުރެ 2013ގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހިންގި އިރު ޓީމުތައް ހަދައިގެން ގޭބިސީތަކަށް އަމިއްލަ އަށް ދިޔައެވެ. އެހެން ނަމަވެސް މިހާރު ހިތަދޫގައި ތިބި ޕީޕީއެމްގެ އިސް އެކްޓިވިސްޓުންގެ ބަދަލުގައި ގޭބިސީތަކަށް ދަނީ ކެމްޕެއިންގައި އުޅޭ ކުންފުނިތަކުގެ މުވައްޒަފުންނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިތަދޫ ރައްޔިތުންގެ ވޯޓު މުހިއްމު ކަމަށް ޚުދު ރައީސް ޔާމީން ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ހިޔަލީ ރަޝީދު ޕީޕީއެމް އާއި ފޭއަށް ޖެހުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އައްޑޫގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުން އެކަމާއި ދެކޮޅު ހެދިޔަސް އެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ ޒަމާންވީ ރަޙްމަތްތެރިޔާ، ހިޔަލީ ރަޝީދަށް ހިތަދޫން ހޯދޭނެ ވޯޓުގެ އަދަދާއި އެކަން ކުރެއްވޭނެ މިންވަރު ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ވާހަކަތަކެއް ދެއްކެވި ސަބަބަކީ ވެސް އެއީއެވެ.