Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސ. ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެވައިފައެވެ. އަދި ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށު ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ވަނީ ބައްދަލުކޮށްލައްވައިފައެވެ.