ދިވެހިރާއްޖޭގެ ތަރިކަ މުދާ ވިއްކައިގެން ކެމްޕެއިނަށް ލާރި ހޯދަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ރޭ ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ 5 މަޝްރޫޢެއް ނިންމުން އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ހުޅުލޭ އެއާޕޯޓް ޖީއެމްއާރް އަށް ވިއްކާލި މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން ނޫނީ އެކަމާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރެއްވި ސިޔާސީ ލީޑަރަކު މި ޤައުމުގައި ނެތް ކަމަށާއި، އެ މައްސަލަ އާއި ގުޅުންހުރި ބައެއް ބޭފުޅުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކެމްޕެއިން ކުރައްވަން ފައިސާ ހުށަހެޅުއްވި ކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ތަރިކަ މުދާ ވިއްކައިގެން ކެމްޕެއިނަށް ލާރި ހޯދަން ރައީށް ޔާމީން ބޭނުންފުޅު ނުވާކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ޤައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ޤައުމުގެ މައި ދޮރާށި ބޭރުގެ ބަޔަކަށް ވިއްކާލަން އެއްބަސް ނުވާނެ ކަމަށާއި، ދިވެހިންނަކީ މާޒީން އިބުރަތް ހާސިލްކޮށްގެން ކުރިމަގު ބިނާކުރަން ފަރިތަ ބައެއް ކަމަށާ، ރައްޔިތުން ތިބީ ހޭލާ ކަމަށެވެ.
އަދި މި ދިވެހި ޤައުމަށްޓަކައި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ޤުރުބާނީއެއް ވެ ވަޑައިގެންނެވި ބޭފުޅަކީ މިއަދުގެ އިތްޒަތްތެރި ރައީސް ޔާމީން ކަމަށްވެސް އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.