Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ކޮރަޕްޝަނަށް ފުރަގަސް ދިނުމަށް މެލޭޝިޔާއިން އިބުރަތް ހޯދަން ޖެހޭ: ފައިސަލް

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ފައިސަލް ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ: ފޮޓޯ - އެމްޑީޕީ

ދާދި ފަހުން މެލޭޝިޔާއަށް ގެނައި ބޮޑު ބަދަލުން އިބުރަތް ހޯދައި، ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށް ދިވެހިން ވެސް ތައްޔާރުވާން ޖެހޭ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގައި ތިއްބެވި ދިވެހި އާއިލާތަކާއި ކިޔަވާ ކުދިންނާއި ބައްދަލުކުރެއްވުމަށް ފައިސަލް ކުރެއްވި ދަތުރުފުޅުގައި، ރޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، މެލޭޝިޔާގައި ވެސް ނުހިނގާ ވަރުގެ ބޮޑެތި ކޮރަޕްޝަނާއި ވައްކަން ދިވެހި ސަރުކާރުން ފާއިތުވެދިޔަ ފަސް އަހަރު ތެރޭ ކޮށްފައިވާ ކަމަށެވެ.

އަދި ކޮރަޕްޓު ލީޑަރަކަށް މެލޭޝިޔާއިން ނޫނެކޭ ބުނި ބީދާއިން ދިވެހިން ވެސް މިހާރުގެ ސަރުކާރަށް ނޫނެކޭ ބުނެ، ގައުމު ހަމައަކަށް އެޅުވުމަށް ރައްޔިތުންނަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ފުރުސަތެއް ލިބުމުން ރައްޔިތުން ވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެފައި ކަމަށާއި ރާއްޖެއަށް ވެސް ބޭނުންވާ މިބަދަލު ގެނައުމަށް 23 ސެޕްޓެމްބަރުގައި އިބޫ ސޯލިހް، ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓު ދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް އިދިކޮޅު ކެމްޕޭން ޓީމުން ކުރި ދަތުރަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެބޭފުޅުން ހާމަކޮށްފައިވެއެވެ.