ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ނަންބަރު ކެންޑިޑޭޓަށް ވޯޓުލުމަކީ ވާޖިބެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"އެއްނަންބަރުގައި ފާހަގަ ޖެހުމަކީ އެއީ ގައުމީ ވާޖިބެއް. އެއްނަންބަރުގައި ފާހަގަޖެހުމަކީ ގައުމީ ވާޖިބަކަށް ވަނީ އަޅުގަނޑުމެންނަށް ދެނަންބަރުގައި އޮތް ފަރާތަށް ފުރުސަތު ދީފިނަމަ، މިގައުމުގައި ކުރިންވެސް ފެނިގެންދިޔަ މަންޒަރު ތަކުރާރުވާނެތީ"، މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ވޭތުވެދިޔަ މާޒީގައި ފުވައްމުލަކުގެ ތަރައްޤީ އަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ ރައީސް ޔާމީން ކަމަށާއި، ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ބާނީ އަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ފަސް އަހަރު ދުވަހަކީ ޤައުމެއް ތަރައްޤީ ކުރަން ވަރަށް ކުރު މުއްދަތެއް ކަމަށާއި، ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ނުވެ ހުރި އެތައް ކަންތައްތަކެއް އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އިޖްތިމާޢީ، އިޤްތިސާދީ އަދި އުމްރާނީ ގޮތުން ވެސް ރާއްޖެ ދުވަހަކުވެސް ނުދެކޭހާ ތަރައްޤީ ރައީސް ޔާމީން ގެނެސްދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިމަހުގެ ތޭވީސް ވަނަ ދުވަހު ނަގާ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ އަތްމަތީގައި އޮތް އަމާނާތެއް ކަމަށާއި، އެއީ ރައްޔިތުންގެ ޤައުމީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރަން ލިބޭ ފުރުސަތެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ކެންޑިޓޭޓް ހުރިހާ ގޮތަކުންވެސް ހުރީ ރައީސް ޔާމީނަށްވުރެ ފަހަތުގައި ކަމަށާއި، އެއްވަނަ އޮއްވާ ދެވަނަ އަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.