Last Updated: April 27, 10:17
Saturday, April 27, 2024
ކުޅިވަރު

ޕޮގްބާ ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން: މޮރީނިއޯ

މެންޗެސްޓަރ ޔުނައިޓެޑަށް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާކަމަށް ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފައިނުވާކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑްގެ ޖާޒީގައި ޕޮގްބާ މިސީޒަނުގައި ކުޅުނު މެޗުތަކުގައި އޭނާގެ މޫނުމަތިން ފެންނަ ހިތްދަތިކަމާއި މާޔޫސްކަމުގެ އިތުރުން ދަނޑުމަތީގައި މޮޅު ކުޅުން ދެއްކިފައިނުވާތީވެ އޭނާގެ ކުރިމަގާމެދު ސުވާލުއުފެދިފައިވީނަމަވެސް ކޯޗު މޮރީނިއޯ ބުނީ ޕޮގްބާ އެޓީމުގައި މަޑުކުރާން ބޭނުންވާކަމަށެވެ.

"އަހަރެންނަށް އެއްޗެން ބުނަން އެނގޭނީ އަސްލަށް ކަންތައްތައް ހިނގާގޮތާއި މެދު. މީޑިއާގައި ލިޔެފައި ހުންނަ ޚަބަރާއި އަހަރެންނަށް އަޑުއިވޭ ޚަބަރުތަކާއި މެދު އެއްޗެއް ބުނާކަށް ނޭނގޭ." މޮރީނިއޯ ބުންޏެވެ.

ނަމަވެސް، ސީޒަން ހުޅުވި މެޗުގައި ލެސްޓަރ ސިޓީ އަތުން ޔުނައިޓެޑް މޮޅުވި މެޗަށްފަހު ދިން އިންޓަވިއުގައި ޕޮގްބާ ބުނެފައިވަނީ އޭނާގެ އިހްސާސްތައް ކިޔައިދީފިނަމަ ކްލަބުން އޭނާ ޖޫރިމަނާކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ

އުމުރުން 25 އަހަރުގެ ޕޮގްބާ އާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯގެ ގުޅުން ގޯސްވެ މައްސަލަ ޖެހުނީ ނިމިދިޔަ ސީޒަނުގައި އެޓީމު ކުޅުނު ގިނަ މެޗުތަކުގައި ޕޮގްބާގެ ފަރާތުން ފެނުނު އާދައިގެ ކުޅުމުގެ ސަބަބުން މޮރީނިއޯ ފާޑުކިއުމުންނެވެ.

އެންމެފަހުގެ ވޯލްޑްކަޕް ފައިނަލްގައި ޕޮގްބާ ގޯލެއް ކާމިޔާބުކޮށް އެމުބާރާތުގައި ދެއްކި ރަނގަޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑް ދޫކޮށް ބާސެލޯނާ އަށް ބަދަލުވެދާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށިއެވެ. ބާސެލޯނާއިން އޭނާ ގެންދިއުމަށް ބިޑްކުރުމުން ޔުނައިޓެޑުން ފުރަގަސްދިން ކަމަށްވެސް މީޑިއާ ޚަބަރުތަކުގައިވެއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު ފްރާންސާއި ޖަރުމަން ބައްދަލުކުރި މެޗުގެ ކުރީން ދިން އިންޓަވިއުގައި ޕޮގްބާ ބުނީ އޭނާ މިހާރު ކުޅެމުންދާ ޔުނައިޓެޑް ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް ނަމަވެސް އަދި ފަހުން ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.

"މިވަގުތަށް އަހަރެންގެ މުސްތަޤްބަލަކީ ޔުނައިޓެޑް، އެއީ މިހާރު އަހަރެން ކުޅެމުންދާ ޓީމް. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެއް ބުނާކަށް ނޭނގޭ." ޕޮގްބާ ބުންޏެވެ.

މިސީޒަނުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ހަތަރު މެޗުގައި ޕޮގްބާ ދެ ލަނޑު ޖަހައިދީފައިވީނަމަވެސް އެޓީމު އުޅެނީ ތާވަލްގެ 10 ވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހޯދީ 6 ޕޮއިންޓާއެކު އެވެ.

ދާދިފަހުން މޮރީނިއޯ ބުނެފައިވަނީ މިހުރިހާ ވާހަކައެއް ދެކެވެނީ ކުޅުންތެރިޔާ އާ މީޑިއާ ދެމެދު އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް، ފަހުން ނޫސްވެރިން މިކަމާއި ބެހޭގޮތުން މޮރީނިއޯ އާ ސުވާލުކުރުމުން އެކަމާ އެއްޗެއް ބުނަން ދެކޮޅު ހަދާފައިވެއެވެ.