Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކޮލަމާފުށިން ހައްޔަރުކުރި 17 މީހެއްގެ ބަންދަށް 15، އެކަކަށް 12 ދުވަސް

ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަނީ -- ފޮޓޯ: އަޒުމޫން އަހުމަދު (ރާއްޖެއެމްވީ)

ގއ. ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 18 މީހުންގެ ތެރެއިން 17 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި އެކަކުގެ ބަންދަށް 12 ދުވަސް ކޯޓުން ރޭ ޖަހައިފި އެވެ.

އެ މައްސަލައިގައި އެ 18 މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

މިއީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން އެމީހުންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވެގެންނެވެ.

ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއުގައި ބުރާސްފަތި ދުވަހު ވިލިނގިއްޔަށް 18 ވަކީލަކު ވަނީ ވަޑައިގެންފަ އެވެ. ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އާއި ވަކީލް މޫސާ ސިރާޖާއި މަހުފޫޒު ސައީދާއި ސަފާ ޝަރީފާއި ނާޒިމް އަބްދުލްސައްތާރާއި މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.

ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު އެގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގައިވާ ގޮތުން އެއް ތުހުމަތެއް ކުރެވޭ ދެ މީހަކަށް ތަހުގީގު މަރުހަލާގައި އެއް ވަކީލެއް އައްޔަނެއް ނުކުރެވޭނެ އެވެ.

ޕީޕީއެމް އާއި އެމްޑީޕީ ސަޕޯޓަރުންގެ ދެމެދުގައި ޖެހުނު މައްސަލަ އަކާއި ގުޅިގެން ކޮލަމާފުށީ ޕީޕީއެމްގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ގާތްގަނޑަކަށް 40 ހޮޅި ދަނޑި ނައްޓާލާފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ޖަގަހައަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ ޕީޕީއެމްއިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީން ދަމާފައިވާ ދިދަތައް ހަލާކުރާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ ދިދަތައް ގެއްލުންދޭ މަންޒަރުވެސް ފެނެއެވެ.

އެހެންނަމަވެސް، މި މައްސަލައާއި ގުޅިގެން ޕީޕީއެމްގެ އެއްވެސް ސަޕޯޓަރަކު ހައްޔަރުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.