Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ފައިނަލް: އިންޑިޔާ – ދިވެހިރާއްޖެ

އިންޑިޔާ އާ ދިވެހިރާއްޖެ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގޯލް.ކޮމް

އެހެން ފަހަރުތަކާއި ހިލާފަށް މި ފަހަރު ސާފް ސުޒުކީ ކަޕްގެ ފައިނަލުން ދިވެހިރާއްޖެ އަށް ޖާގަ ލިބިފައިވަނީ އެންމެ އެކަށީގެންވާ ކުޅުން ދައްކައިގެން ނޫނެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ސެމީ ފައިނަލަށް ދަތުރުކުރީ ހުރިހާ ގޮތަކުން ސްރީ ލަންކާ އާއި ރާއްޖެ އެއްވަރުވުމުން ގުރު ނަގައިގެންނެވެ.

ނަމަވެސް، ސެމީ ފައިނަލްގައި އަނެއް ގްރޫޕުން އެއްވަނަ މަޤާމް ހޯދި ނޭޕާލް އާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް ޓީމުގެ ކުޅުންތެރިން ދެއްކި ހުނަރާއި ކުރި ބުރަ މަސައްކަތުން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފައެވެ.

ފައިނަލްގައި މިމުބާރާތުގެ ޗެމްޕިއަންކަން މީގެކުރީން ހަތްފަހަރު ހޯދައިފައިވާ އިންޑިޔާ އާ ދެކޮޅަށް ނިކުންނައިރު މިއީ މިފަހަރުގެ މުބާރާތުގައި މިދެޓީމު ބައްދަލުކުރާ ދެވަނަ މެޗެވެ. މިފަހަރު ރާއްޖެ އާއި އެއް ގުރޫޕެއްގައި ހިމެނި އެއްވަނަ ޓީމުގެ ގޮތުގައި އިންޑިޔާ ސެމީ އަށް ދަތުރުކުރީ ކުޅުނު ދެމެޗުންވެސް 2-0 ގެ ނަތީޖާއަކުން ރާއްޖެ އާއި ލަންކާ ބަލިކޮށްގެންނެވެ. ސެމީގައި ޕާކިސްތާން އަތުން 3-1 އިން މޮޅުވެ އިންޑިޔާއިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީއެވެ.

ދެޓީމުގެ ޚަބަރު:
މިމެޗަށް ނިކުންނައިރު އިންޑިޔާ އަށް ލިބިފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޓީމު އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުކޮޅުގައި ދެއްކި ރަތްކާޑުގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ލަލިއަންޒުއާލާ ޗަންގްޓޭ އަށް މިމެޗުގައި ނުކުޅެވުމެވެ.

ނަމަވެސް މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ މަންވީރް ސިންގ ރަނގަޅު ފޯމެއްގައި ހުރުމުން އެޓީމުގެ ފޯވާޑްލައިނަށް ލަނޑުޖެހުމަށް މައްސަލަތަކެއް ކުރިމަތިވާނެކަމަށް ނުބެލެވޭއިރު ރާއްޖޭގެ ޑިފެންސްލައިނަށް އޭނާގެ ފަރާތުން އުނދަގުލާއި ކުރިމަތިލާންޖެހޭނެއެވެ. ސެމީ ފައިނަލުގައި ޕާކިސްތާން ކޮޅަށް ދެ ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކުރި މެޗްގައިވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ޓީމުގައި މިވަގުތު އަނިޔާގެ މައްސަލައެއް ނެތްނަމަވެސް ކޯޗް ޕީޓާ ސެގާޓް އަށް ދިމާވެފައިވާ އެންމެ ބޮޑު ބޮލުގެ ރިހުމަކީ އަދިވެސް އޭނާގެ އެންމެ ވަރުގަދަ އެގާރަ ކުޅުންތެރިން ނެގުމެވެ. އެގޮތުން، ރާއްޖެ އެންމެ ފަހުން އިންޑިޔާ އާ ދެކޮޅަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅުނު އެގާރަ ކުޅުންތެރިންގެ ތެރެއިން ނޭޕާލް އާ ދެކޮޅަށް ނެރެފައިވާ އެގާރައިގައި ހިމެނިފައިވަނީ ހަ ކުޅުންތެރިންނެވެ.

ފޯމް:
ހުރިހާ ގޮތަކަށް ބެލިޔަސް މިހާރު އެންމެ ރަނގަޅު ފޯމެއްގައި އޮތީ އިންޑިޔާ އެވެ. އެޓީމު އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ޖޫން މަހު ބޭއްވުނު އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލްގައި ނިއު ޒީލެންޑް އަތުންނެވެ.

ރާއްޖެ އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވިއިރު ދެމެޗުން ބަލިވެފައިވެއެވެ.

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި ނޭޕާލް އާ ދެކޮޅަށް ރާއްޖެއިން ނިކުތް ފުރަތަމަ އެގާރަ. –ފޮޓޯ: ޓްވިޓާ

ކޯޗުންގެ ބަސް:
މިއަދުގެ މެޗަށް ނިކުންނައިރު އިންޑިޔާގެ ކޯޗް ސްޓެފަން ކޮންސްޓެންޓިން ބުނެފައިވަނީ މީގެ ކުރިން އިންޑިޔާއަށް ތާރީހު ބުރަވިނަމަވެސް ތާރީހަށް ބަލައިގެން ހިތްހަމަޖައްސާލެވެން ނެތް ކަމަށެވެ.

"އަހަރެމެންނަށް ގިނަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ރެކޯޑެއް އެބައޮތް އެކަމަކު މީގެ ކުރިން ކުޅެފައި ހުރީ ތަފާތު މެޗުތަކެއް. އެ މެޗްތަކުގައި ކުޅުނު ކުޅުންތެރިންނެއް ނޫން މިހާރު ޓީމުގައި ތިބީ. މިއަދުގެ ފައިނަލަކީ ތަފާތު މެޗެއް."

"އަހަރެމެން އެބަޖެހޭ ރާއްޖެ އަށް އިހުތިރާމް ކުރަން. އެ މީހުންނަށް ފައިނަލުގެ ޖާގައެއް ހައްޤު، ގްރޫޕްގައި އަހަރުމެންނާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗްގައި ކުރިއަށް ކުޅޭ ކުޅުންތެރިން ނުކުޅޭ އެހެންވީމަ މި މެޗް ތަފާތު ވާނެ." ކޮންސްޓަންޓިން ބުންޏެވެ.

އަނެއްކޮޅުން ރާއްޖޭގެ ކޯޗް ސެގާޓް ބުނީ އިންޑިޔާ އަކީ ބޮޑު އާބާދީއެއް އޮތް ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ރަގަޅަށް މަސައްކަތް ކޮށްފިނަމަ އިންޑިޔާގެ މައްޗަށް ކުރި ހޯދޭނެކަމަށެވެ.

"ރާއްޖެއަކީ ތިން ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމެއް ނަމަވެސް އިންޑިޔާ އަކީ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެއް. ދެ ޓީމުގެ ތަފާތުވެސް ބޮޑު ނަމަވެސް ފައިނަލުގައި ނިކުންނާނީ 11 ކުޅުންތެރިންނާއި ދެކޮޅަށް 11 ކުޅުންތެރިން. އެހެންކަމުން ގައުމީ ރޫހުގައި ނިކުމެ ގަދައަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ހޯދޭނެ." ސެގާޓް ބުންޏެވެ.

ހެޑް-ޓު-ހެޑް:
މިމުބާރާތުގެ ފައިނަލްގައި މިދެޓީމު މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު އިންޑިޔާ އިން ދެފަހަރު މޮޅުވެފައިވާއިރު ރާއްޖެ އަށް މޮޅުވެފައިވަނީ 2008 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެކަންޏެވެ.

މިއީ މި މުބާރާތުގެ ތާރީޚުގައި މި ދެ ޓީމު ބައްދަލުކުރާ 13 ވަނަ މެޗަށްވާއިރު މީގެކުރީން މިދެޓީމު ކުޅުނު 12 މެޗުގެތެރެއިން 9 މެޗުން އިންޑިޔާ މޮޅުވެފައިވެއެވެ. ރާއްޖެ އެންމެ ދެ މެޗުން މޮޅުވިއިރު އެއްމެޗުން އެއްވަރުވެފައިވެއެވެ.

މީގެއިތުރުން، ރާއްޖެ އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސްމެޗުން ވެސް މޮޅުވެފައިވަނީ އިންޑިއާ އެވެ. އިންޑިއާ އަތުން ރާއްޖެ އެންމެ ފަހުން މޮޅުވީ މީގެ ނުވަ އަަހަރު ކުރިން 2009 ވަނަ އަހަރުގައި ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުންނެވެ.

ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ ވެސް އެ މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ދެޓީމުގެ ލަފާކުރެވޭ ފުރަތަމަ އެގާރަ:
އިންޑިޔާ:
ވިޝާލް ކެއިތު (ކީޕަރު)؛
ސަލަމް ރަންޖަން ސިންގް، ސުބަޝިޝް ބޯސޭ، ދެވިންދްރާ ސިންގް، ސަރްތަކް ގޮލުއި؛
އަނީރުދް ތާޕާ (ކެޕްޓަން)، އަޝިޤް ކުރްނިޔަން، ވިނިތް ރާއީ، ނިކިލް ޕޫޖަރީ؛
ފަރުކް ޗައުދަރީ، މަންވީރް ސިންގް.

ދިވެހިރާއްޖެ:
މުހައްމަދު ފައިސަލް (ކީޕަރު)؛
އަކްރަމް އަބްދުލް ޣަނީ (ކެޕްޓަން)، އަލީ ސަމޫހު، ހަސަން ސިފާއު، ސަމްދޫހް މުހައްމަދު؛
މުހައްމަދު އާރިފް، މުހައްމަދު އިރުފާން، އިބްރާހިމް ވަހީދު ހަސަން؛
އަލީ ފާސިރު، ހަސަން ނާއިޒް، އިބްރާހިމް މަހުދީ.