2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޒުވާނަކު މިނިވަންކޮށްފި އެވެ.
ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރި، ގދ. ގައްދޫ، އުމަރު ގާހިރު (25އ) މިދިޔަ ބުދަ ދުވަހު މިނިވަންކުރީ ޝަރުތުތަކާއެކު އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އުމަރު މިނިވަންކޮށްފައި ވަނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުންނެވެ.
އުމަރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ކަމުގައިވިޔަސް، އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިކަމެއް ސާފެއް ނުވެ އެވެ.
މޭޑޭ މުޒާހަރާގެ ބައިވެރިން ހިންގި ހަމަނުޖެހުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 9 މީހަކަށް ޖަލު ހުކުމް ކޮށްފައެވެ.