ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރެވެމުންދާ ސިހުރާ ގުޅުންހުރި ތުހުމަތުތައް ތަހުޤީޤުކުރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީ އިން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިހުރު ހެދުމާއި ސިހުރުވެރިންގެ ގާތަށް ގޮސް ސިހުރު ހެއްދުމާއި ސިހުރުވެރިން ދައްކާ ސިހުރުގެ ވާހަކަތަކަށް އަމަލުކުރުމާއި އެވާހަކަތައް ޤަބޫލުކުރުންފަދަ ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރި އިސްތިލާޙުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި އެކަންކަމަކީ ފަނާކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައިކަން ބޮޑު ފާފައެއް ކަމަށާއި، ސިހުރުވެރިކަމަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުގެ އަލީގައި ސުންނަތް ޖަމާޢަރުގެ ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ސިހުރުވެރިކަމަކީ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިގެންވާ ކުށަކަށްވެފައި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 1205 ވަނަ މާއްދާ (ހ) އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ އަބަދު ދިނުމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ސިހުރުވެރިކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމަކަށްވެފައި އަދި ސުންނަތް ޖަމާޢަތުގެ އަޤީދާއާ ޚިލާފު، ގަދަ ކީރިތި ވަންތަ ﷲ ގެ ޙަޟުރަތާ އިތުރު ފަރާތެއް ބައިވެރިކުރުމުގެ ތެރެއިންހިމެނޭ ކަމަކަށް ވާއިރު އެ ނުބައިކަންބޮޑު ޢަމަލުގައި ބައިވެރިވާ މީހަކީ އިސްލާމީ ޤައުމެއްގެ ވެރިކަމަށް ކުފޫހަމަވާ މީހެއް ނޫނެވެ. އަދި އެފަދަ މީހާއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުތުތަކުގެ ތެރެއިން މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުމުގެ ދެ ޝަތުތު އުނިވެފައިވާ މީހެކެވެ."، އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އެފަދަ މީހަކަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަކީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ހުއްދަ ކަމެއް ނޫންކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަދި އެފަދަ މީހެއްގެ ނަން ވޯޓު ކަރުދާހުގައި އޮތް ނަމަވެސް އެ މީހާ އިސްލާމީ ޤައުމެއްގެ އެންމެ މަތީ ވެރިކަމަށް އިންތިޚާބު ކުރުމަށް ވޯޓު ދިނުމަކީ އިސްލާމީ ޝަރީޢަތުގެ އަލީގައި މުސްލިމުންގެ މައްޗަށް ޖާއިޒްވެގެންވާކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާމަކުރެއްވި މަޢުލޫމާތުތަކުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސިހުރުވެރިކަމާ ގުޅޭގޮތުން ކުރައްވާފައިވާ ތުހުމަތުތައް ތަހުޤީޤުކޮށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަދާލަތު ޕާޓީ އިން ވަނީ ފުލުހުންނަށާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކަށް ގޮވާލާފައެވެ.
"ހަމައެއާއެކު ދައުލަތުން ވަކިފަރާތަކަށް ނުޖެހި ހިންގާ މިނިވަން ތަހުޤީޤަކުން އަހްމަދު އަދީބު ކުރައްވާފައިވާ ތުހުމަތުތަށް ސާބިތުވެއްޖެ ނަމަ، ހ. ދޫވެހި، އަބްދުﷲ ޔާމީން، ޤާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އަޒުލުކުރަންޖެހޭނެ ކަމުގައިވެސް މި ޕާޓީން ދެކެމެވެ. އަދި ތައުބާވެ އެކަން އިއުލާން ކޮށްފުމަށްދާންދެން އިތުރު އިންތިޚާބީ މަޤާމަކަށް ވާދަކުރުމުގެ ފުރުސަތު ދެވިގެން ނުވާނެކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ."، އެ ބަޔާނުގައި ވެއެވެ.