Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިއްތިހާދުގެ މެނިފެސްޓޯ ހިމެނޭ ލުއިފޮތް ރައްޔިތުންނަށް ބަހަން ފަށައިފި

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެ މައުލޫމާތު ދިނުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ފަޒީން

އިދިކޮޅު އިއްތިހާދުގެ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމުގެ ގޮތުން މެނިފެސްޓޯ ހިމެނޭ ފޮތް މާލޭގެ ގޭގެއަށް ބެހުމުގެ ޚާއްސަ ކެމްޕެއިން ހަރަކާތެއް ފަށައިފި އެވެ.

މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރައީސް ޔާމިނުގެ ސަރުކާރުގައި އެއްވެސް އާ މަޝްރޫއެއް ފައްޓަވައި އާ ކަމެއް ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވާފައި ނުވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ފްލެޓުތައް އެޅުމާއި މަގުތައް ހެދުމަކީވެސް އެމްޑީޕީގެ ސަރުކާރުގައި ފަށައި ކޮންޓްރެކްޓު ހަދާފައި ހުރި މަޝްރޫތަކެއް ކަމަށާއި، މާލެއާއި ހުޅުމާލެ ގުޅާލައި އަޅާފައިވާ ބުރިޖަކީވެސް ރައީސް ޔާމިނުގެ ވިސްނުންފުޅެއް ނޫން ކަމަށާއި އެއީވެސް ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެވުނު ކަރުދާހެއް ކަމަށެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީ ސަރުކާރުގައި ލިބުނު ތިން އަހަރުގެ ތެރޭގައިވެސް އެމްޑީޕީ ސަރުކާރަކީ ވައުދު ވާން ކެރޭ އަދި ވައުދުތައް ފުއްދާ ސަރުކާރެއްކަން ރައްޔިތުންނަށް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް މިހާރުވެސް އޮތީ އިއްތިހާދަށް ކަމަށްވުމާއެކު، އިއްތިހާދުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މާރިއާ އަދި އަނާރާ ވެސް ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުން މި މަހުގެ 23 ވަނަ ދުވަހު ވޯޓު ލުމަށް ވީހާ ވެސް އަވަހަކަށް ނުކުންނެވުމަށް ގޮވާލައްވާފަވެ.