Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިބޫ

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

އިބޫ މިގޮތަށް ވައުދުވެވަޑައިގެންފައި ވަނީ އަބުރުގެ ޤާނޫނު އުވާލައި ނޫސްވެރިންނާއި ދެކޮޅަށް އަނިޔާކުރާ ފަރާތްތަކަށް ދައުވާ ކުރަން އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އަލުން ތަހުޤީޤު ކުރުމަށް އިބޫ އާއި ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަންނަވަން ޖެހޭ ކަމަށް ބުނެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ، އާރްއެފްއެސް އިން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އިބޫ ވިދާޅުވެފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައާއި، ޔާމީން ރަޝީދު މަރާލި މައްސަލައިގެ ހުޅުވާލެވިފައިވާ ތަހުޤީޤެއް ކުރުމަށާއި، އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނު އުވާލައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

އިބޫ ގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލަތައް ތަހުޤީޤުކޮށް، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.