މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހައި ވޯޓްލުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތައް މި މަހުގެ 18 އަދި 19 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް އާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ވޯޓްލުމަށް ބޭނުންވާ ލިޔެކިޔުމާއި ބައެއް މުހިންމު ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އެ ފޮށިތައް ބަންދުކޮށް ރަށްރަށަށް ފޮނުވޭނީ ވޯޓް ކަރުދާސް ޕްރިންޓްކޮށް ނިމި ކޮމިޝަނަށް ލިބުމުން ކަމަށެވެ.
އަކްރަމް ވިދާޅުވީ ވޯޓް ކަރުދާސް ޕްރިންޓް ކުރުމާ ގުޅޭ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށާއި، ވޯޓް ޕްރިންޓް ކުރުމާ ގުޅޭ މައުލޫމާތުތައް ޤާނޫނުގައި އޮތް ގޮތަށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ ހުރިހާ ވޮޓް ކަރުދާސްތައް ޕްރިންޓްކޮށް ނިމި، ސެކިއުރިޓީ ފޮށިތަކަށް މި މަހުގެ 18، 19 ގައި އަތޮޅުތަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، ފުރަތަމަ އެތަކެތި ފޮނުވާނީ ކޮންމެ އަތޮޅެއްގެ ވެސް މައިރަށަށް ކަމަށާއި، އެ އަތޮޅެއްގެ ރަށްތަކަށް އެ ތަކެތި ގެންދާނީ އެއަށްފަހު ކަމަށެވެ.
އަދި ސެކިއުރިޓީ ފޮށްޓާ އެކު، ކޮންމެ އަތޮޅަކަށް އެ ކޮމިޝަންގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު ވެސް ދާނެ ކަމަށާއި، ވޯޓް ނަގާ ދުވަހާ ހަމަޔަށް އެތަކެތި ހުންނާނީ ވަރަށް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ފަދަ އިންތިޒާމެއްގެ މަތިން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 260،000 އަށްވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ.