ދައުލަތް ހިންގަން ހުރި މީހެއް ވެއްޖިއްޔާ ހުރިހާ ކަމެއް ބޮލުގައި އަޅަން ޖެހޭނެ ކަމަށާއި އެހެންވެ ހުންނެވީ ހުރިހާ ކަމެއް ބޮލުގައި އަޅުއްވައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮންމެވެސް ބްރޯއަކު ދައްކާފައިވާ ވާހަކަތައް ސޯޝަލް މީޑިއާއިން ފެނިއްޖެ ކަމަށާއި އެވާހަކަތައް އޮންލައިން ނޫސް ތަކުގައި ލިޔެވެފައިވާ ކަމަށެވެ. އަދި އެވާހަކަތަކަކީ ރައީސް ޔާމީންގެ ބޮލުގައި އަޅުވައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި ހިނގައިދިޔަ ލިޔެކިޔުންތަކެއް ފެނިއްޖެ ދޮގެއްތޯ. އަދި އެ ވާހަކަތައް އެހުރީ އޮންލައިން ނޫސްތަކުގައި ލިޔެފައި. ބްރޯއެއް ބްރޯއަކާ ދައްކާ ވާހަކަ. ރައީސް ޔާމީން ބޮލުގައި ކޮންމެވެސް ކަމެއް އަޅުވާ ވާހަކަ. މާތްކަލާކޯ! ރައީސް ޔާމީން މިއަދު މިހުރީ ހަމަ ހުރިހާ ކަމެއްވެސް ބޮލުގައި އަޅައިގެން. ދައުލަތް ހިންގަން ހުރި މީހަކު ވެއްޖިއްޔާ، ކަންކަން ބޮލުގައި އަޅާނެ"
ރައީސް ވިދާޅުވީ މީހެއްގެ ބޮލުގައި އިލްޒާމް އަޅުވައި، ކަންކަން އަޅުވާއިރު، ކޮންމެވެސް ޙައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ހަމަ އަދުތޯ، މާދަންތޯވެފައި ދޮގެއްތޯ. ޢިލްމުވެރިން ދޮގެއްތޯ ވިދާޅުވަނީ. ހަމަގައިމުވެސް މީހެއްގެ މަރަކީ، މީހާ އަރައިގެން ހުންނަ ފައިވާނުގެ ވަދާއި އެމީހާގެ ފަޔާ ދޭތެރޭގައި އޮންނަ ވަރަށްވުރެ ޖާގަ ކުޑަ ކަމެކޭ. ވަޓް އިޒް ސަރޓްން އިން ލައިފް އިޒް ޑެތް. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ޙަޔާތުގައި، އަޅުގަނޑުމެންނަށް ކަށަވަރުވާ އެއްޗަކީ އެއީ. ކޮންމެ މީހަކީ މަޙްޝަރުވާނޭ މީހެއްކަން. އަޅުގަނޑުމެން ވަރަށް ވަރުގަދައަށް މަސައްކަތް ކުރަން. ކޮންމެ މީހަކުވެސް ހިތަށްއަރާ، އޭނާއަކީ އަތް ފުޅާކޮށްފައި ހިނގާއިރު، ތިމަންނާއަކީ ވަރަށް ވަރުގަދަ މީހެކޭ. މާދަންނޫންކަންނޭނގެ، ވީލްޗެއަރގައި އިންނަންޖެހޭނީ. އަނެއް ދުވަހު ނޫންކަންނޭނގެ، ދާއިމީކޮށް އައި.ސީ.ޔޫ.ގައި ބޮއްތާލަންޖެހޭނީ"
ރައީސް ވިދާޅުވީ މިހާރުވެސް އެމަނިކުފާނާއި ގުޅޭ ގޮތުން ޑޮކިއުމެންޓްރީ ހަދައިގެން ގެނެސްދީފައިވަނީ ބޮޑެތި ދޮގުތަކެއް ކަމަށެވެ. އަދި އެކަން ކަމަށް ޖެހިލުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ، މިހާރުވެސް އެމީހުން ޑޮކިއުމެންޓްރީ ހަދައިގެން އުޅޭކަން. އަލްޖަޒީރާ މެދުވެރިކޮށްވެސް ޑޮކިއުމެންޓްރީ ހެދި ދޮގެއްތޯ. ﷲ އަބަދުވެސް ޙައްޤަށް ނަޞްރު ދެއްވާނެ. އަޅުގަނޑު މިއީކީ ތިޔަކަހަލަ ކަންކަމާ ޖެހިލުންވާނެ މީހެއްނޫން. އަޅުގަނޑުގެ އަބުރު ކަތިލަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެއްޖެ. އެތެރެއިންނާއި ބޭރުން. ފައިސާވެސް އެތެރެއިންނާއި ބޭރުން. އެކަމަކު އަޅުގަނޑު އަދިވެސް މިހުރީ ރައްޔިތުންގެ ކުރިމަތީގައި، ރައްޔިތުންގެ ޚިދުމަތުގައި.
ރައީސް ވިދާޅުވީ ރައްޔިތުންގެ ޒިންމާއަކީ މިކަންކަމާ ދޭތެރޭގައި ވިސްނައި ހޭލުންތެރިވުން ކަމަށެވެ.