Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރިޔާޒު ހުކުމް ތަންފީޒު ކުރެއްވުމުން ވެސް މިނިވަންނުކޮށް ރިމާންޑް ޖަލަށް

ކުރީގެ ކޮމިޝަަނަރ އޮފް ޕޮލިސް އަދި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލުން ދޫކޮށްނުލައި ރިމާންޑް ޖަލަށް ބަދަލުކޮށްފި އެވެ.

އަބްދުﷲ ރިޔާޒުގެ ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލި ނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ ހައިކޯޓުންނެވެ. ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް ހައިކޯޓުން އެ ހުކުމް ރިޔާޒުގެ މައްޗަށް ވަނީ އިއްވާފައެވެ.

ރިޔާޒްގެ މައްޗަށް އިއްވާފައިވާ ހުކުމް މިއަދުގެ ނިޔަލަށް ތަންފީޒުކޮށް ވަނީ ނިމިފައެވެ. އެހެން ނަމަވެސް ޖަލުން ދޫކޮށްލުމުގެ ބަދަލުގައި އެހެން މައްސަލައަކާއި ގުޅުވައި އަބްދުﷲ ރިޔާޒު ރިމާންޑް ޖަލަށް ވަނީ ބަދަލުކޮށްފައެވެ.

ރިޔާޒުގެ ޤާާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އާއި ހަވާލާ ދެއްވާ ދިވެހި އޮންލައިން ނޫސް ވީނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންނުކޮށް ބެހެެއްޓުމަކީ އާއްމު އުސޫލު ނޫނެވެ. އާއްމު އުސޫލަކީ މީހަކު މައްސަލައެއްގައި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންކުރުން ކަމަށް ނޫރު ވިދާޅުވެފައިވާ ކަމަށް ވެސް ނޫހުގައި ވެއެވެ. އަދި އެހެން މައްސަލައެއްގައި ހައްޔަރުކުރާނަމަ އެކަން ކުރާނީ ތަންފީޒުކޮށް ނިމުނު މައްސަލައަށްފަހު ޖަލުން މިނިވަން ކުރުމަށްފަހު ކަމަށާއި އެކަމަކު ކަރެކްޝަސް އިން ގެންގުޅޭ އާއްމު އުސޫލާ ޚިލާފަށް އެހެން މައްސަލައަކާއި ގުޅުވައިގެން ރިޔާޒު ރިމާންޑަށް ގެންދިއުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަބްދުﷲ ރިޔާޒު ރިމާންޑް ޖަލަށް ބަދަލުކޮށްފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގައެވެ. މި މައްސަލައަކީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެެކެވެ.