ފުވައްމުލައް ސިޓީގައި މީހެއްގެ ބަނޑަށާއި ކަރަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ވަޅިން ހަމަލާ ދީފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށުގެ ޒުވާނަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރޭގެ އެ ހާދިސާގައި ޒަޚަމްވެފައިވަނީ އަދި ހަމަލާ ދީފައިވަނީ ވެސް ދޫނޑިގަމަށް ނިސްބަތްވާ ދެ މީހުންނެވެ.
ހަމަލާ ދެވުނީ އެއްވެސް ހަމަނުޖެހުމެއް ވެސް ނުހިނގާ، އެއްވެސް ޒުވާބެއް ވެސް ނުކޮށް ވަރަށް ކުއްލިގޮތަކަށް ގޮސް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ހަމަލާ ދިން މީހާއަކީ ދާދި ފަހުން ޖަލުގައި އޮތުމަށްފަހު ސަލާމަތްވެގެން އައި ޒުވާނެއް ކަމަށާއި ވަޅި ހަރައިގެން އުޅެނީ ވަރަށް ކުރިން ހިނގާފައިވާ ކަމެއްގެ ބަދަލު ހިފުމަށްކަމަށް ވެސް އެ މައުލޫމާތު ލިބެއެވެ.
ވަޅިން ހަމަލާ ދީފައިވަނީ އެ ފިރިހެން މީހާގެ ބަނޑަށާއި، ކަރަށް ކަމަށާއި އޭގެ އިތުރުން ނިއްކުރީގައި ވެސް ކޮންމެވެސް ވަރަކަށް ވަޅި ކާއްތާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދެވި ޒަޚަމްވީ ތަންތަނުން ލޭ މަނާނުވެގެން އިރުކޮޅަކު އުޅުނު ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ސީރިއަސް އެއް ނޫން ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ފުވައްމުލަކުގައި މާރާމާރީ ހިންގާ މީގެ ކުރިން ވަނީ ވަޅިން ހަމަލާދީ މީހުން މެރުމުގެ ހާދިސާތަކެއް ވެސް ހިންގާފައެވެ. އެހެން ނަމަވެސް މިހާރު އެ ސިލްސިލާ ތަކަށް ނިމުމެއް އައިސް އެފަދަ ހާދިސާއެއް ނުހިނގާތާ ވަނީ ދުވަސްތަކެއް ވެފައެވެ.