Last Updated: April 25, 10:47
Thursday, April 25, 2024
ކުޅިވަރު

ބާސާ މޮޅުވިއިރު ރެއާލް އާ އެތުލެޓިކޯ އަށް މޮޅެއްނުވެވުނު

ރެއާލް ސޮސިއެޑާޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް ކުރިން ލަނޑެއްޖަހާފައިވަނިކޮށް ފަހަތުން އަރާ ބާސެލޯނާ މޮޅުވިއިރު ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން ދެޓީމަށް މޮޅެއްނުވެވުނެވެ. ރެއާލް އާ ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު އެތުލެޓިކޯ އާ އެއިބާ ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

އެސްޓާޑިއޯ ޑެ އަނޮއެޓާގައި ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް ސޮސިއެޑާޑް އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އަރިޒް އެލުސްޓޮންޑޯ މިލަނޑު އެޓީމަށް ޖަހައިދިންއިރު އޭގެ ހަތަރު މިނެޓުފަހުން އެޓީމުގެ ލީޑް ފުޅާކުރުމަށް ހުއާންމީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓަ ސްޓެގަން ވަނީ މަތަކޮށްފައެވެ.

މިހާފުގައި ބާސާގެ ޑިފެންޑަރު ޖެރަޑް ޕީކޭ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕީކޭ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަސް މިނެޓުފަހުން ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕީކޭ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ސޮސިއެޑާޑްގެ ގޯލްކީޕަރު ޖެރޯ ރުލީ އެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސޮސިއެޑާޑް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ސޮސިއެޑާޑްގެ ޑޭވިޑް ޒުރުޓުޒާ ތަނަވަސްކުރި ފުރުޞަތަކުން މިކޭލް އޮޔަޒަބާލް އަށް އެޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ޓަ ސްޓެގަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ކީޕަރު ރުލީ ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، ސޮސިއެޑާޑްގެ ތިއޯ ހެނާންޑޭޒް އާއި ހުއާންމީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ބާސާގެ ކީޕަރު ޓަ ސްޓެގަން އެވެ.

ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ އެޓީމުގެ ފްރާންސް ސެންޓަ ބެކް ސެމުއެލް އުމްޓީޓީ ބޮލުން ޖައްސާލި ޕާހަކުން ލިބުނު ބޯޅަ އެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ތިން މިނެޓުފަހުން، ޑެމްބެލޭ ވަނީ ބާސާ އަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ބާސާގެ ލަނޑަށްފަހު، އެޓީމުގެ ލީޑް ފުޅާކުރުމަށް މެސީ އާއި ސުއަރޭޒް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސޮސިއެޑާޑްގެ ހުއާންމީ އަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. މިކޭލް މަރީނޯ ދިން ޕާހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އެތުލެޓިކް ބިލްބާއޯ އާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެއިބާ އާ ބައްދަލުކޮށް އެތުލެޓިކޯ މެޑްރިޑް 1-1 އިން އެއްވަރުވިއިރު ދެޓީމުންވެސް ލަނޑުޖަހާފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމް ގައި ކުޅުނު މިމެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެއިބާ އަށް ލީޑް ނަގައިދިނީ ނަގައިދިނީ ސާޖީ އެންރީކް އެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބޯރްހާ ގާސެސް އެވެ. މިއީ އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ފޮނުވާލަން މަސައްކަތްކުރި ބޯޅަ އެއް އޭނާގެ ފަޔަށް އަރާ ގޮތްނުވުމުން ޕެނަލްޓީއޭރިޔާގައި ހުހަށްހުރި ބޯރްހާ އަށް ލިބުމުން ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިމުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި، ރެއާލް މެޑްރިޑް އާ އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ.

އެސްޓާޑިއޯ ސަން މަމޭސް ގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އިކާ މުނިއައިން ކާމިޔާބުކޮށްދީ ބިލްބާއޯ އަށް ލީޑް ނަގައިދީފައިވާއިރު ރެއާލް އަށް އެއްވަރުކޮށްދިނީ މެޗުގެ 64 ވަނަ މިނެޓުގައި އިސްކޯ އެވެ. މިއީ އެޓީމުގެ ގަރެތު ބޭލް ތަނަވަސްކުރި ފުރުޞަތަކުން އިސްކޯ ކާމިޔާބުކުރި ގޯލެކެވެ.

ސްޕެނިޝް ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހުއެސްކާ އަތުން 1-0 އިން ރަޔޯ ވަޔެކާނޯ މޮޅުވިއިރު ރެއާލް ބެޓިސް އާ ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މިމުބާރާތުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކަށްފަހު، ލީގު ތާވަލްގެ އެއްވަނައިގައި ބާސާ އަށް ދެ ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. ބާސާ އަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ވާދަވެރި ރެއާލް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އެތުލެޓިކޯ، މިވަގުތު އޮތީ ފަސް ޕޮއިންޓާއިއެކު ތާވަލްގެ ފަސްވަނައިގައެވެ.