Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހިތަދޫ ފްލެޓުތައް ރައީސް ހުޅުވައިފި، ފްލެޓު ލިބޭ ބަޔަކު ނޭގޭ!

ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓު ރަސްމީކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި އިރު އަދިވެސް އެތަން ލިބޭ ބަޔަކު ނޭގޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހިތަދޫ، އަދި ހުޅުދޫގައި ހަދާފައިވާ ފްލެޓުތައް މިހާރުވަނީ ރަސްމީކޮށް ހުޅުވާފައެވެ. ހުޅުދޫ އާއި ހިތަދޫގައި ބޭއްވި ހާއްސަ ވަކި ދެ ރަސްމިއްޔާތުގައި ފްލެޓު ހުޅުވި އިރު ފްލެޓުތަކުގައި ދިރިއުޅެވޭނެ ގޮތް ހަމަ ޖެހިފައި ނުވެއެވެ.

ފްލެޓުތަކަށް ކުރިމަތި ލުމަށް 2016 ވަނަ އަހަރު ހުޅުވާލުމުން 585 ފަރާތަކުން ފޯމު ނަގާފައިވާ އިރު ފޯމުތައް އިވެލުއޭޓުކޮށް ނިމިފައިވާ ކަން. ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.

އައްޑޫ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ކަންކަން އަންނަ ހަފްތާގައި އެނގޭ ވަރުވާނެކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ފްލެޓު ދެނީ މާލެއިން ކަމަށާއި، ފޯމުތައް ވެސް އިވެލުއޭޓު ކުރަނީ މާލެއިން ކަމަށެވެ. މީގެ ކުރިން އެކި ތާރީހު ފްލެޓު ހަވާލު ކުރާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އިއްލާން ކުރި ނަމަވެސް ފަހުން ބުނެފައިވަނީ ފްލެޓު ހަވާލު ނުކުރެވިގެން އުޅެނީ ފްލެޓަށް ކަރަންޓާއި، ނަރުދަމާ ނޭޅި އޮތުމުން ކަމަށެވެ.

ފްލެޓުތަކަށް ކޮލިފައިވާ މީހުން ފުރަތަމަ ޑައުން ޕޭމެންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ. އެފައިސާ ދެއްކުމަށްފަހު މަހަކު ދައްކަން ޖެހެނީ 3،000 ރުފިޔާއެވެ