Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އިބޫގެ ނެތް ތަޖުރިބާއަކީ ކޮރަޕްޝަނާއި ފަސާދަ: ވަހީދު

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ކިބައިގައި ނެތީ ކޮރަޕްޝަނާއި ފަސާދައިގެ ތަޖުރިބާ ކަމަށާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލާކަމުގެ ތަޖުރިބާއެއް ވެސް ނެތް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު ތަފާތެއް ވާކަމަށެވެ. އިބޫގެ ކިބައިގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދާއިގެ ތަޖުރިބާއެއް ނެތް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވަނީ އަދުލު އިންސާފު ގާއިމް ނުކުރުމުގެ ތަޖުރިބާއެއް ވެސް އިބޫގެ ކިބައިގައި ނެތް ކަމަށާއި ހަމަހަމަކަން ނައްތާލުމުގެ ތަޖުރިބާއެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ. މަޝްވަރާގެ އުސޫލު ނެތްކަމުގެ ތަޖުރިބާއެއް ވެސް ނެތް ކަމަށާއި މަގާމު ނުފޫޒުގެ ބޭނުން ކޮށްގެން ބާރުގެ ބޭނުން ކުރުމުގެ ތަޖުރިބާއެއް ވެސް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. "މިކަހަލަ ތަޖުރިބާތަކަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ފަރާތުން ބޭނުންވާ ތަޖުރިބާއެއް ނޫން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މިފަދަ ތަޖުރިބާތަކުގެ ބަދަލުގައި ގުޅިފައިވާ ސިޔާސީ ކެންޑިޑޭޓަކީ މީހުންނާ ގުޅޭސޯލިހު ކިޔަމަންތެރި އިންސާފުވެރި އަދި އަހްލާދު ރަނގަޅު ކެންޑިޑޭޓެއް ކަމަށެވެ. އަދި އިބޫ އަކީ މީހުންނާ ގުޅޭ އެކުވެރި، ކަންކަން ކުރަން ދަންނަ ކެންޑިޑޭޓެއް ކަމަށް ވެސް ވިދާޅުވިއެވެ. މިކަން ސާބިތުވާ އެއް ސަބަބަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރާ ކެންޑިޑޭޓަކަށް އިބޫ ވެވަޑައިގަތުން ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަކީވެސް އިބޫ ކަމަށާއި މީގެ އިތުރުން ދިވެހި ރައްޔިތުންގެ ކެންޑިޑޭޓަކަށް ވެސް ވާނީ އިބޫ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ތިމާ އަމިއްލައަށް ވެރިކަން ކުރުމަށް ގިނަ ބަޔަކު ޖަލަށް ލައިގެންވެސް ގިނަ ހައްގުތަކުން މަހްރޫމުކޮށްގެން ވެސް ފެނިގެންދަނީ ވެރިންކަން ލިބޭނެ ކަމަށް ހިސާބުޖެއްސެވި ހުރިހާ ކަމެއް ފެއިލްވެފައިވާ މަންޒަރު،" ވަހީދު ވިދާޅުވިއެވެ.