Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފުވައްމުލަކަށް ހަރަދު ކުރި 1.1 ބިލިއަން ރުފިޔާގެ ތަފްސީލް ދެއްވާ: ޝާހު

މި ސަރުކާރުން ފުވައްމުލަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ނަމަ އެކަމުގެ ތަފްސީލް ރައްޔިތުންނަށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިގޮތަށް ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ރައީސުލް ޖުމްހުރިއްޔާ ފުވައްމުލަކު ރައްޔިތުންނާއި މުޙާޠަބުކޮށް އެރަށަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށް ވިދާޅުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމީން ފުވައްމުލަކުގައި ވިދާޅުވީ ސަރުކާރުން ފުވައްމުލަކުގެ ތަރައްގީ އަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އަދިވެސް އެ ސިޓީގެ ތަރައްގީ އަށް ކަންކަން ކުރަން އޮތީ އެމަނިކުފާނުގެ ސަރުކާރު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ސަރުކާރުން ފުވައްމުލަކަށް ހޭދަކޮށްފައި ވަނީ އެންމެ 26 މިލިއަން ރުފިޔާ ކަމަށެވެ.

ޝާހު ވިދާޅުވީ ފުވައްމުލަކު ރައްޔިތުން އެރަށަށް ހޭދަކުރެއްވި 1.1 ބިލިއަން ރުފިޔާއަށް ވީ ގޮތް ބަލަން ބޭނުން ކަމަށެވެ.

"ދޮގާއި، މަކަރާއި، އޮޅުވާލުމާއި ރައްޔިތުން ގުނބޯ ހައްދާ ވެރިއެއް ދެނެއް ބޭނުން ނޫން" ޝާހުގެ ޓްވީޓުގައި ވެއެވެ..

އެމްޑީޕީ ސަރުކާރުން ފުވައްމުލަކަށް ހޭދަ ކުރީ އެންމެ 26 މިލިއަން ރުފިޔާކަމަށް ރައީސް ޔާމީން ވިދާޅުވުމުން ޝާހު ވިދާޅުވީ ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންނެވީ ރައީސް ނަޝީދު އެޅުއްވި އެއާޕޯޓަކަށް ކަމަށާއި، ދަތުރުކުރެއްވި ޢާޒީ މަގަކީ ނަޝީދު ގާ އަތުރައި ހެއްދެވި މަގެއް ކަމަށެވެ.

"އެމްޑީޕީ ވެރިކަމުގައި އެޅި އެއާޕޯޓަށް ފައިބައިގެން، އެވެރިކަމުގައި ގާ އަޅާފައިވާ ޢާޒީ މަގުން ދުއްވާފައި ގޮސް، މިވަރުގެ ބޮޑު ބުހުތާނު ދޮގު ހަދަން އެއްވެސް ޖެހިލުމެއް ނުވޭތޯ؟، އެކަމަކު ކިޔަނީ މަގެ ދީނޭ މަގެ ގައުމޭ"

ރައީސް ޔާމީންގެ ފުރަތަމަ ދައުރުގެ ވެރިކަން ނިމެން މަދު ދުވަސް ކޮޅަކަށް ވެފައިވާ އިރު ފުވައްމުލަކު މަގުތައް ނެހެދެއެވެ. ނަރުދަމާގެ މަސައްކަތް ނުނިމެއެވެ. ރަށުގެ އެކި ސަރަހައްދުތަކުން ރަށް ގިރެމުންދާއިރު އެކަމަށް ހައްލެއް ހޯދައި ދެވިފައި ނުވެއެވެ.