Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޖަޒީރާ ސިޔާސަތު: ރަށްތަކުގައި ކުޅިވަރަށް އަހުލުވެރިކުރުވުމަށް ސްޕޯޓްސް ކައުންސިލަރުން ބޭތިއްބުން

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ރޭ ޅ. އަތޮޅު ނައިފަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ކުޅިވަރުގެ ސިޔާސަތު ހާމަ ކުރައްވައިފިއެވެ.

ޖަޒީރާ ރަށްތަކުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިއްތިހާދުގެ ސަރުކާރުން އިސްކަންދޭނެ ކަމަށާއި އެކަން ހާސިލުކުރުމަށް ރަށްތަކުގައި ސްޕޯޓްސް ކައުންސިލަރުން ބާތިއްބާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެ ކައުންސިލަރުންނަކީ މަގާމަށް ކުފޫ ހަމަވާ، ދާއިރާއިން ރަނގަޅު ތަޖުރިބާއާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ ފޯރި ރަށުތެރެއާއި މުޅި ގައުމުގައި އިތުރަށް އާލާ ކުރުމަށް ގައުމީ ފުޓުބޯޅަ ލީގެއް ފަށާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މީގެ އިތުރުން އިބޫ ވަނީ ގައުމީ ޓީމުތަކުގެ ފިރިހެން ކުޅުންތެރިންނާއި އަންހެން ކުޅުންތެރިންގެ އެލަވެންސުގައި ތަފާތެއް ނުގެންގުޅޭނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. އަދި ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރާ ކުޅުންތެރިންނަށް ޚާއްސަ ސަމާލު ކަމެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު މޫދު ކުޅިވަރުތަކަށް އެހާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަން ފާހަގަކޮށް އިބޫ ވަނީ އެކަން ކުރަން ބޭނުންވާ ފަރާތްތައް އެކަމުން މަހްރޫމު ނުވާނެ ގޮތަށް އިއްތިހާދުގެ ސަރުކާރެއްގައި މޫދު ކުޅިވަރުގެ ތަފާތު މުބާރާތްތައް ރާއްޖޭގައި ބާއްވައި ބައިނަލް އަގުވާމީ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާނެ ކަމަށެވެ. އަދި މޫދު ކުޅިވަރާއި ކަސްރަތު ކުރާނެ ވަސީލަތްތައް ގާއިމުކޮށް އެކުޅިވަރު ރާއްޖޭގައި ފުޅާ ކުރާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

އިބޫ ވަނީ ރޭގެ ޖަލްސާގައި ދިވެހި ގައުމީ ޓީމު ރޭ، އިންޑިޔާ ބަލިކޮށް ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ނަގާފައިވާތީ ގައުމީ ޓީމަށް ޚާއްސަ މަރުހަބާއެއް ދަންނަވާފައެވެ. އަދި އެ ކާމިޔާބީ ފާހަގަކުރަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.