Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކުރި މައްސަލަ އިސްތިއުނާފް ކުރަނީ

ފޮޓޯ: މިހާރު

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ގދ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރި މައްސަލަ އިސްތިއުނާފް ކުރަން އެ މީހުންގެ ފަރާތުން ނިންމައިފި އެވެ.

ކޮލަމާފުށީގެ ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މިދިޔަ މަހު އެ ރަށުން ހައްޔަރުކުރި އިދިކޮޅު ސަޕޯޓަރުންގެ ބަންދުގެ މުއްދަތު ވިލިނގިލީ ކޯޓުން ދެވަނަ ފަހަރަށް އިތުރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރެއިން 17 މީހެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށް، ބާކީ ހުރި މީހާގެ ބަންދަށް 12 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. މި މައްސަލައިގާ އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަން އެ މީހުންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ކަށަވަރުކޮށް ދެއްވި އެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ހަމަޖައްސާފައިވާ ގޮތުން ބަންދާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން ބޭނުންވާ ނަމަ، ހައި ކޯޓުގެ ގޮފިތަކަށް ހުށަހެޅުމުގެ ބަދަލުގައި ޖެހޭނީ ސީދާ މާލޭގެ ހައި ކޯޓަށް ހުށަހަޅާށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން އެއް މައްސަލައެއްގައި ހައްޔަރުކުރާ ކޮންމެ މީހަކަށް ވަކި ވަކީލެއް ހުންނަން ޖެހޭތީ އެ މީހުންގެ ދިފާއުގައި މާލެއިން 18 ވަކީލުންގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިއްޔަށް ދިޔަ އެވެ.