Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ތޫފާނުގައި ފިލިޕީންސްއިން ގިނަ ބަޔަކު މަރުވެއްޖެ

މުޅި މި އަހަރުވެސް ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ ތޫފާން ކަމަށްވާ ތޫފާން މެންގްކަޓް ހޮނިހިރު ވިލޭރޭގެ ވަގުތެއްގައި ފިލިޕީންސްއަށް އަރާފައިވާއިރު، މި ތޫފާނުގައި މަރުވި މީހުންގެ ކަށަވަރު އަދަދު 14 އަށް ވަނީ އަރާފައެވެ.

ތޫފާނުގެ ސަބަބުން މަގުތައް ބެދި، މުވާސަލާތީ ހިދުމަތްތަކަށް ބުރޫއަރާ، އެކަހެރި ބައެއް ފަގީރު އަވަށްތަކާއި ގުޅުންކެނޑި، އެ ހިސާބުގެ އެއްވެސް މައުލޫމާތެއް ސާފުވާ ގޮތް ނުވެފައިވާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވެއެވެ.

ތޫފާން މެންގްކަޓްގައި ގަޑިއަކު 330 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުނު ކަމަށް ރިޕޯޓްތައް ވަނީ ލިބިފައެވެ.

ބައެއް އަވަށްތަކުގެ އިމާރާތްތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ފިލިޕީންސަކީ ދަނޑުވެރި ގައުމަކަށްވާއިރު، ތޫފާންގެ ސަބަބުން ދަނޑުބިންތަކަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ތޫފާންގެ މެންގްކަޓްގެ ބާރު އަދިވެސް ދަށް ނުވާ ކަމަށާއި، ނަމަވެސް ތޫފާން މިހާރު މިސްރާބު ޖަހާފައި ވަނީ ޗައިނާގެ ދެކުނުގެ ސަރަހައްދުތަކަށް ކަމާއި ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މި ތޫފާން، ހޮންގްކޮންގްއަށް އަރާނެ ކަމަށް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ.