ފުވައްމުލައް ސިޓީގައި ރޭ މީހެއްގެ ކަރަށާއި ބަނޑަށް ވަޅި ޖަހައި ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން މިއަދު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއިބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ވަޅިން ހަމަލާ ދީފައިވަނީ އެ ފިރިހެން މީހާގެ ބަނޑަށާއި، ކަރަށް ކަމަށާއި އޭގެ އިތުރުން ނިއްކުރީގައި ވެސް ކޮންމެވެސް ވަރަކަށް ވަޅި ކާއްތާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދެވި މިހާރު ހާލަތު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ދުވާފަރުގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލާފައެވެ. އެހެން ނަމަވެސް އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ހާމަނުކުރައްވައެވެ.