މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ޢަބްދުﷲއަށް ވީގޮތް ހޯދައި ވެރިކަމުގެ ފުރަތަމަ ދުވަހު އެކަމުގެ މައުލޫމާތު އާއްމު ކުރައްވާނެ ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކާށިދޫ ދާއިރާގެ މެމްބަރު އަދި އެމަނިކުފާނުގެ ރަނިންމޭޓު ފައިސަލް ނަސީމާއި އެކު ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޑައިގެންނެވޭ ކޮންމެ ރަށަކުންވެސް ރައްޔިތުން އެދެމުން ދަނީ އަދުލު އިންސާފު ހޯއްދަވައި ދެއްވުމަށްކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް އެމަގު ފަހިކޮށްދެއްވާ އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބުދުﷲގެ މަންމަ އައިމިނަތު އީސާއަކީވެސް ކާށިދޫއަށް ނިސްބަތްވާ ބޭކަނބަލެއް ކަމަށް ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ރިޟުވާނަށް ވީގޮތެއް އެމަނިކުފާނުގެ ވެރިކަމުގައި ބަލައި ހޯދައި އެމައުލޫމާތު އާއްމު ކުރައްވާނޭ ކަމަށެވެ.
ރިޟުވާނުގެ މަންމަ އަށާއި އާއިލާއަށާއި އަދި މިފަދަ ކަންތައްތައް ދިމާވެފައިވާ އާއިލާތަކަށް ވެރިކަމުގެ ފުރަތަމަ ދުވަހު، އޭގެ ހަޤީޤަތް ހޯދައި އޭގެ އަސްލު ހޯދައި، ހުރިހާ ބޭފުޅުންނަށް އޭގެ މައުލޫމާތު ހާމަ ކުރައްވާނެ ވާހަކަ އިބޫ ތަކުރާރުކޮށް ވިދާޅުވިއެވެ.
އިބޫ މިހެން ވިދާޅުވެފައި ވާއިރު ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ވަކާލާތު ކުރަމުންދާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތުއައުޓް ބޯޑާސްއިންވެސް ވަނީ އަބުރުގެ ޤާނޫނު އުވާލައި ރިޟުވާނާއި ޔާމީނުގެ މައްސަލައިގެ ތަޙުޤީޤު އަލުން ހިންގުމަށް ރިޔާސީ ކެންޑީޑޭޓުންނަށް ގޮވާލާފައި ވެއެވެ. އެކަމަށް އިޖާބަ ދެއްވައި އެކަން އެގޮތަށް ކުރައްވާނެ ކަމުގައި އިބޫ ވިދާޅުވެ ވައުދުވެ ވަޑައިގެންފައި ވެއެވެ.