Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ކާށިދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް އިތުރު ސުކޫލެއް އަޅައިދޭނަން: އިބޫ

ފޮޓޯ: ވީނިއުސް

އެ މަނިކުފާނުގެ ވެރިކަމެއްގައި ކާށިދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް އިތުރު ސުކޫލެއް އެޅިގެން ދާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކާށިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ކާށިދޫއަށް އިއްޔެ ވަޑައިނުގެންނެވުނީތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ކާށިދޫއަކީ ކެންޑިޑޭޓާއި ރަނިންމޭޓާއި ދެބޭފުޅުންނަށް އެކުގައި ރަށަކަށް ވަޑައިގެންނެވުނު ދެވަނަ ރަށް ކަމުގައި ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފައިސަލް ނަސީމާއި އިބުރާހިމް މުހައްމަދު ޞާލިޙް އެކުގައި މއިަދު ކާށިދޫއަށް ވަޑަިއިގެންނެވި އިރު އެދެބޭފުޅުންނަށް ކާށިދޫ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކާށިދޫއަށް ދިމާވެފައިވާ ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. މިގޮތުން އެރަށުގައި މުޅިން އައު ސްކޫލެއް ބިނާ ކުރައްވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް އެމީހުންގެ މަސައްކަތަށް ފަހި ގޮތްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކާށިދޫވެސް ތަރައްޤީ ވެގެންދާނީ ކާށިދޫގެ ރައްޔިތުން އެދޭ ގޮތަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"މިރަށުގެ ސއްޙީމަރުކަޒު އަޕްގްރޭޑް ކުރެވި، ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެވި، ސިއްހީ މަރުކަޒުން ލިބެންޖެހޭ ރަނގަޅު ފަރުވާ، ތިޔަ ހުރިހާ ބޭފުޅުންނަށް ލިބިގެން ދާނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައި ދޭނަން. އިރާދަކުރައްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގައި އައު ސްކޫލެއް އެޅި ރަށުގައި ތިއްބެވި ތިޔަ އާއިލާތަކުން ދަރީންނަށް ތައުލީމު ހާސިލް ކުރެވޭނެ މަގުފަހިވެގެން ދާނެ." އިބޫ ވިދާޅުވިއެވެ.

މީގެ ކުރިން މިކެމްޕޭނުގައި މިދެބޭފުޅުން އެކުގައި ވަޑައިގެންނެވީ ފުވައްމުލަކަށް އެކަންޏެވެ.

މިއަދު ރަނިންމޭޓު ރ މީދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ކެންޑިޑޭޓު މިއަދު ދ އަތޮޅަށް ވަޑައިގަންނަވާނެއެވެ.