ކ. ގާފަރު އާއި ރ. ދުވަފަރުގެ ގިނަ ސިވިލް ސާވިސް މުވައްޒަފުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.
ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ދަނީ އިބޫ އާއި ރަނިންމޭޓު ފައިސަލް ނަސީމަށް މަރުހަބާ ކިއުމަށް ވަޒީފާގެ ބިރު ދޫކޮށް ނިކުންނަމުންނެވެ.
ރ. ދުވާފަރުގެ 37 ސިވިލް ސާވިސް މުވައްޒަފަކު އިބޫއަށް ތާއިދު ކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ ރޭ ދުވާފަރު ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ބާބަކިއުއެއްގައެވެ. ރޭ ދުވާފަރުން އިބޫއަށް ތާއިދު ކުރަން ނިންމި މުވައްޒަފުން ވަނީ އިބޫގެ ކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވާނެކަމަށް ބުނެފައެވެ.
ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން މުވައްޒަފުން ބޭނުން މީހަކަށް ތާއިދު ކޮށް ކެމްޕެއިން ކުރެވެއެވެ.
މީގެ އިތުރުންވެސް އިއްޔެ ކ. ގާފަރަށް އިބޫ ވަޑައިގަތުމުން ގާފަރުގެ ބައެއް ސިވިލް ސާވިސް މުވައްޒަފުން ވަނީ އިބޫއަށް މަރުހަބާ ދެންނެވުމަށް ފާޅުގައި ނިކުމެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބޫ އާއި ފައިސަލްއަށް މުޅި ރާއްޖެއިން ބޮޑު ތަރްހީބެއް ދަނީ ލިބެމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ނަގާފައިވާ ޕޯލް ތަކުން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ އެންމެ 15 ޕަސެންޓެވެ.