އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަކީ އުފެދުމުގައި ވެސް ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ ފުށުން އަބަދުވެސް ފެންނަނީ އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާއެކު، އެންމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލު ކަން ކަމަށް އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ އިބޫ އާއިއެކު ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ކ. ކާށިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިބޫއާއެކު ވަރަށް އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިދިޔަ ފަނަރަ އަހަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފަނަރަ އަހަރު ގައުމީ ވިސްނުމެއްގައި ހިކުމަތްތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި މަންޒަރު އިބޫގެ ފަރާތުން ފެނިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ދުވަހަކު ވެސް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ފުށުން އެއްވެސް ކަހަލަ ހިޔާނާތުގެ އަމަލެއް، އަނިޔާވެރިކަމުގެ އަމަލެއް، އަދި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ފެނިފައިނުވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އިބްރާހީމް މުހައްމަދު ސޯލިހަކީ ބޯން ލީޑަރެކޭ. އިފުތިފާގެއް ވެސް ނޫން އެއްވެސް ހާލެއްގައި ނަމުގައި ސޯލިހު، ކަމުގައި ވެސް ސޯލިހު ހެޔޮލަފާ ބޭފުޅެއް. އަޅުގަނޑު މިއަދު މުޅި ދިވެހި ގައުމަށް ގޮވާލަނީ އަޅުގަނޑުމެންގެ ގައުމު މިއަދު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި ހުރިހާ އެންމެން ތެދުވެ އިބޫއާއެކު މި މަސައްކަތް ބާރަށް ކުރަމާ ހިންގަވާށޭ." ފައިސަލް ވިދާޅުވިއެވެ.
"މުޅި ދިވެހި ގައުމަށް މި ވަނީ ގައުމު ބޭނުންވާ ފަދަ ބަދަލެއް ﷲ އިރާދަކުރެއްވީތީ ގެނައުމަށްޓަކައި ރަނުގެ ފުރުސަތެއް ލިބިފައޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ހުރިހާ ކަމެއްގެ ހައްލު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ތެރޭގައި ލިބޭހާ ކައިރީގައޭ." ފައިސަލް ވިދާޅުވިއެވެ.