Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމް އިސްލާމް ދީން ނަހަގައްޓާނެ: ޔާމީން

ޕީޕީއެމަކީ އިސްލާމް ދީން ނަހަގައްޓާނެ އަދި ދިވެހި ވަންތަ ސިފަތަށް ދިވެހި މުޖުތަމައަށް އަނބުރާ ހޯދައި ދޭނެ ޕާޓީއެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ހިތަދޫގައި ބޭއްވި "ތިން ގުނަ" ޖަލްސާގައި އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ދައްކާ ވާހަކައިގެ އިތުބާރު ހުންނާނެ ޕާޓީއެއް ކަމަށެޗެ.

ޔާމީން ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވެފައި ކަންކަމަށް އެ މީހުން ގޮވަމުންދާއިރު އެއީ ކެތްތެރިކަން ކުޑަ ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ދިވެހި ދައުލަތަކީ މުއްސަނދި ކަމެއް އޮތް ދައުލަތެއް ކަމަށްވާ އިރު އެ މުއްސަނދިކަން އިތުރު ކުރުމުގައި ކެތްތެރިވާން ނުޖެހެ އެވެ.

"ރައްޔިތުންނަށް މިތަނުގައި ފުދުންތެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދައި ދިނުމަށް އަޅުގަނޑުމެން ނުޖެހޭ ކެތްތެރިވާކަށް. އަޅުގަނޑުމެން ޖެހެނީ ކެތްތެރިކަން ނެތް ބައެއްގެ ގޮތުގައި މަސައްކަތްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންނާ ހަމައަށް ވީހާ އަވަހަކަށް ގެނެސްދޭން. މި މަތިވެރި މަގުސަދުގައި، މި މަތިވެރި އަޒުމްގައި އަޅުގަނޑުމެން ނުކުމެ މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތުން އަޅުގަނޑުމެން މިކަންކަން ކުރާނަން. އެކަމަކު އެކަމުގައި ރައްޔިތުން އަޅުގަނޑުމެންނާ އެކު ސާބިތުބެ ތިއްބައިގެން،" ޔާމީން ވިދާޅުވި އެވެ.