Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އީސީސީގައި ހަދާ ހޮސްޕިޓަލަށް އައްޑޫގެ ސިއްހީ މަރުކަޒު ތަކާއި ހިތަދޫ ހޮސްޕިޓަލުގެ އެނދުތައް ގެންގޮސްފި

ފޭދޫ ސިއްހީ މަރުކަޒުގައި ހުރި އެނދުތައް އީސީސީއަށް ވައްދަނީ، ފޮޓޯ: އައްޑޫލައިވް

ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ހަދާ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެނދުތައް ނުގެނެސް އައްޑޫގެ ސިއްހީ މަރުކަޒުތަކާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުން ކުރަމުން އަންނަ އެނދުތައް ގެން ގޮސްފިއެވެ.

ހޮސްޕިޓަލްގެ ގިނަ މަސައްކަތް އަދިވެސް ނުނިމިވާ އިރު މިއަދު ފޭދޫ، އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބައެއް އެނދުތައް ވަނީ އީސީސީއަށް ގެނެސްފައެވެ.

އައްޑޫލައިވްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ ސިއްހީ މަރުކަޒުގައި ބޭނުން ކުރަމުންދާ އެނދުތަކުގެ ތެރެެއިން ބައެއް އެނދު ނަގަން އުޅުމުން އެރަށުގެ މީހުން ވަނީ ނިކުމެ ހުއްޓުވާފައެވެ.

17 ވަނަ ސާކް ސަމިޓަށް އިމާރާތްކުރި ހިތަދޫ ކޮންވެންޝަން ސެންޓަރ ރޫޅާލާއި ރައީސް ޔާމީންގެ ސަރުކާރުން ޓާޝަރީ ހޮސްޕިޓަލަށް ހެދުމަށް މަސައްކަތް ކުރަމުންދާ އިރު މީގެ ކުރިން ބުނެފައިވަނީ އެ ހޮސްޕިޓަލް މިދިޔަ މޭއި މަހު ހުޅުވާނެކަމަށެވެ. ނަމަވެސް އަދިވެސް ތަނުގެ މަސައްކަތް ނުނިމެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތް ނުނިމެނީސް އެތަނުގެ ތެރެއަށް ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގައި ހުރި އެނދުތައް ގެންގޮސްފައިވަނީ ހޮސްޕިޓަލް ނިމިފައިވާކަމަށް ދައްކަން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ތައްޔާރު ކުރާ ޑޮކިއުމެންޓްރީއެެއް ކުޅުމަށެވެ.

އެގޮތުން މި ޑްރާމާގެ ފުރަތަމަ ބައި ވޯޑުތަކަށް އެނދުތައް ވެއްދުމަށްފަހު މިއަދު ހަވީރު ކުޅޭނެއެވެ. މީގެ ބޭނުމަކީ އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް މުޅިން ނިމިފައިވާކަމަށް ރާއްޖޭގެ ރައްޔިތުންނަށް ދެއްކުމަށްކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

އީސީސީގައި ހަދާ ހޮސްޕިޓަލަށް ބޭނުންވާ ސާމާންތައް އަދި އައްޑޫއަށް ލިބިފައިނުވެއެވެ. މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ސަރުކާރުން ބުނެފައިވަނީ ހުރި ވަސީލަތްތަކާއި އެކު ހޮސްޕިޓަލްގެ ހިދްމަތް ފަށާނީ ވަގުތީކޮށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ހަފްތާ ބަންދުގައި އައްޑޫއަށް ވަޑައިގެންނެވި އިރު ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލެއްވުމަށް އެ ތަނަށް ވަޑައިގެންފައި ނުވާ އިރު "ވަރަށް ސަޅި" ކަމަށް ބުނެ ފޭދޫގައި ޖަހާފައިވަނީ މާލެ ދަރުމަވަންތަ ހޮސްޕިޓަލްގެ ފޮޓޯއެކެވެ.