"އެންމެން އެކަކަށް"ގެ ނަމުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ، އަންނަ އަންގާރަ ދުވަހަށް ފަސްކޮށްފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖަލްސާއަށް އަތޮޅުތަކުން އަންނަން ބޭނުންވާ މީހުން ގިނަކަމުންނާއި، އެމީހުންނާއި އެކީ ނޫނީ ޖަލްސާ ބޭއްވުމަށް ބޭނުން ނުވާ ކަމަށެވެ.
"އެ ބޭފުޅުން ވަރަށް ބޭނުންވޭ މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން. ރައީސް ޔާމީނަށް އޮތް ތާއީދު އެ ބޭފުޅުން ބޭނުންވޭ ދައްކަން"، އަދުރޭ ވިދާޅުވި އެވެ.
އަދި ލިބެންހުރި ހުރިހާ ވަސީލަތެއް ހޯދައިގެން ވެސް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުގެ ޓްރާންސްޕޯޓް މާދަމާ އަށް ހަމަނުޖެއްސިގެން އުޅޭތީ، ޖަލްސާ އަންގާރަ ދުވަހަށް ފަސްކުރަން ނިންމީ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި 186 ރަށުން މީހުން ބައިވެރިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މުޅި ރާއްޖެއިން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް ޕީޕީއެމް ޖަލްސާއަށް އައުމަށް ދައުވަތު އަރުވަން،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމް އިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ބޮޑު ޖަލްސާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭގެ ހުރިހާ ރަށަކުން ފާޅު ކުރަމުންދާ ކަމަށާއި، ނަމަވެސް އަތޮޅުތަކުގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން ގެނެސްގެން މާލޭގައި ޖަލްސާއެއް ބޭއްވޭ ވަރުގެ ހުސް ޖާގައެއް ނެތް ކަމަށެވެ.
އަދުރޭ ވިދާޅުވީ ކާނިވާ ސަރަޙައްދަށް ޕީޕީއެމްގެ ސަޕޯޓަރުން ނުކަތާނެ ކަމަށާއި، އެއަށް ވުރެ ޕީޕީއެމްގެ ސަޕޯޓަރުން މާ ގިނަ ކަމަށެވެ. އެހެންކަމުން ޖަލްސާ ބާއްވާނެ އެހެން ތަނެއް ހޯދަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އުތުރުން ދެކުނަށް އަތްފުނާ އަޅައިގެން 1000 ހާމީހުން ކާނިވަލަށް ޖަމާ ކުރެވުނަސް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ރައްޔިތުން މާ ބޮޑަށް ގިނަ ކަމަށެވެ.
މީގެ އިތުރުން، ޕީޕީއެމްގެ ބޮޑު ޖަލްސާއަށް އަތޮޅުތަކުން އެކަނިވެސް 20،000 ރައްޔިތުން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ޕީޕީއެމް އިން ޚަރަދު ނުކޮށް އަމިއްލަ ޚަރަދުގައި އަންނަ ފަރާތްތައް ކަމަށާއި، މާލޭގެ ރައްޔިތުން ހިމަނައިގެން އެ އަދަދު އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަންގާރަ ދުވަހުގައި ބާއްވާ ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.