Last Updated: April 27, 09:26
Saturday, April 27, 2024
ކުޅިވަރު

ރޮނާލްޑޯގެ ދެ ލަނޑުން ޔުވެންޓަސް އަށް މޮޅެއް

އިޓާލިއަން ސެރިއޭގެ ރެކޯޑް އަގަކަށް ސްޕެއިނުގެ ރެއާލް މެޑްރިޑުން ޔުވެންޓަސް އަށް ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް ކާމިޔާބުކުރި ދެ ލަނޑާ އެކު ލީގު ތާވަލްގެ ތިންވަނައިގައި އުޅޭ ސަސުއޮލޯ އަތުން 2-1 އިން އެޓީމު މޮޅުވެއްޖެއެވެ.

ޔުވެންޓަސް އިން މިމެޗަށް ނިކުތްއިރު، އެޓީމު އެންމެފަހުން ލީގުގައި ޕާމާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، ޖިއޯޖިއޯ ކިއެލީނީ އާއި ހުއާން ކުއަޑްރާޑޯ އަދި މިރަލެމް ޕިޔަނިޗްގެ އިތުރުން ފެޑެރީކޯ ބާނަޑެސްކީގެ ބަދަލުގައި މެހްދީ ބެނާޓިއާ، ޖޮއާއޯ ކަންސޭލޯ އާއި އެމްރޭ ޗޭން އަދި ޕައޮލޯ ޑިބާލާ ވަނީ އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

އެލިއާންޒް ސްޓޭޑިއަމް ގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް ސަސުއޮލޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މިހާފުގައި ދެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ސަސުއޮލޯގެ ޖިއާންމާކޯ ފެރާރީ ފޮނުވާލި ހަމަލާއެއް ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝެކް ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ޔުވެންޓަސް އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ސަސުއޮލޯގެ ގޯލް ހުޅުވައިދިނީ ރޮނާލްޑޯ އެވެ. ޔުވެންޓަސްގެ ޑިބާލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ސަސުއޮލޯގެ ޑިފެންޑަރު ޖިއާންމާކޯ ފެރާރީ ދިފާއުކުރަންވެގެން ބޮލުން ޖައްސާލުމުން ގޮސް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އޭރިޔާތެރޭގައި ހުހަށްހުރި ރޮނާލްޑޯ އަށް ލިބުމުން ގޯލްގެތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ރޮނާލްޑޯ ކުޅުނު ހަތަރުވަނަ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އަދި އޭގެ ފަނަރަ މިނެޓްފަހުން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއްޖަހައި ޔުވެންޓަސް އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭން ތަނަވަސްކުރި ފުރުޞަތަކުން ގޯލްގެ ކަނާތްފަރާތު ތިރީކަނަށް އަމާޒުކޮށްލައިގެން ރޮނާލްޑޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ޔުވެންޓަސްގެ ރޮނާލްޑޯ (ކ) އަތުން ބޯޅަ ހޯދަން ސަސުއޮލޯގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކުރުމަށް ލިބުނު ގިނަ ފުރުޞަތުތަކެއް އޭނާ އަތުން ވަނީ ބޭކާރުވެފައެވެ. އެގޮތުން، ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ރޮނާލްޑޯ އަށް ލިބުނު ރަނުގެ ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ސަސުއޮލޯގެ ގޯލްކީޕަރު އަންދްރެއާ ކޮންސީލީ ސަލާމަތްކޮށްފައިވެއެވެ.

މި މެޗުގެ އިތުރުވަގުތުގައި ސަސުއޮލޯގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މިހާފުގައި ކުޅެން ނިކުތް ކްރިސްޓިއަން ޑެލް އޯރްކޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޫމާ ބާބާކަރް ބޮލުން ފޮނުވާލައިގެންނެވެ. އޭގެފަހުން، އެޓީމުގެ ޑޮމެނިކޯ ބެރާޑީ އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހުވަގުތު ކޮޅު، ސަސުއޮލޯގެ މިޑްފީލްޑަރު ފެޑެރީކޯ ޑި ފްރާންޗެސްކޯގެ ގަޔަށް ކުޅު ޖެހުމުން ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ އަށް އިޓަލީގެ ރެފްރީ ޑެނިއެލީ ޗިފީ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އޭގެ ކުޑައިރުކޮޅެއްކުރީން، ޑި ފްރާންޗެސްކޯގެ މޫނުމަތީގައި އުޅަބޮށިން ޖެހުމުން ކޮސްޓާ އަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ.

މިއަދުގެ މެޗުން ހޯދި މޮޅާއިއެކު ތާވަލްގެ އެއްވަނައިގައި ޔުވެންޓަސް އަށް ވަނީ އަލުން ތިން ޕޮއިންޓްގެ ލީޑް ލިބިފައެވެ. އެޓީމަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ 9 ޕޮއިންޓާއެކު ނަޕޯލީ އެވެ. މިމެޗުން ބަލިވި ސަސުއޮލޯ އޮތީ ހަތް ޕޮއިންޓާއިއެކު ތާވަލްގެ ތިންވަނައިގައެވެ.

ސެރިއޭގައި މިހަފްތާގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފިއޮރެންޓީނާ އަތުން 1-0 އިން ނަޕޯލީ މޮޅުވިއިރު ރަށުން ބޭރުގައި ކުޅެ ޕާމާ އަތުން އިންޓަ މިލާން ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. ސަމްޕްޑޯރިއާ އަތުން 5-0 ގެ ނަތީޖާއަކުން ފްރޮސިނޯނޭ ބަލިވިއިރު ޖެނޯއާ ވަނީ 1-0 އިން ބޮލޯނިއާ ބަލިކޮށްފައެވެ. އޭއެސް ރޯމާ އާ ކިއޭވޯ ވެރޯނާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު އުދިނޭޒީ އާ ޓޮރީނޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.