Last Updated: April 23, 18:00
Tuesday, April 23, 2024
ކުޅިވަރު

ކުޅުންތެރިޔެއްގެ މޫނަށް ކޮސްޓާ ކުޅު ޖަހައިފި

މިރޭ އިޓާލިއަން ސެރީއާ ގައި ޔުވެންޓަސްއާއި ސަސޫލޯ ބައްދަލުކުރި މެޗުގައި ޔުވެންޓަސްގެ ފޯވާޑް، ޑަގްލަސް ކޯސްޓާ އިދިކޮޅު ޓީމުގެ ކުޅުންތެރިޔަށް ކުޅު ޖެހުމުގެ ސަބަބުން ރެފްރީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.

ރޮނާލްޑޯގެ ދެ ލަނޑުން ޔުވެންޓަސް މޮޅުވި މިމެޗުގައި ކޮސްޓާއަށް ރަތް ކާޑު ދައްކާފައިވަނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތު ތެރޭގައި އޭނާއަށް ރެފްރީ ރީނދޫ ކާޑެއް ވެސް ދައްކާފައިވަނިކޮށެވެ. ކުޅު ޖެހުމުގެ ސަބަބުން ރެފްރީ ވަނީ މެޗުގެ އެންމެ ފަހު ވަގުތު އޭނާއަށް ވަގުތުން ރަތް ކާޑު ދައްކާފައެވެ.

ފުރަތަމަ ރެފްރީއަށް އެ މަންޒަރު ނުފެނުނު ނަމަވެސް ވީއޭއާރުގެ އެހީގައި ކޮސްޓާ ވަނީ ސަސޫލޯގެ ފެޑެރީޝޯ ޑި ފްރެންސިސްކޯގެ މޫނަށް ކުޅު ޖެހުމުން ރަތް ކާޑު ދައްކާފައެވެ. ދެކުޅުންތެރިންގެ ދެމެދުގައި އޭގެ ކުރިންވެސް ހަމަނުޖެހުން ހިނގާފައިވާއިރު ކޮސްޓާ ވަނީ ފްރެންސިސްކޯގެ މޫނަށް ކުޅު ޖެހުމުގެ ކުރިން އޭނާގެ ގައިގައި އުޅަނބޮށިން އަދި ބޮލުން ވެސް ޖަހާފައި ކަން ފާހަގަކޮށްލެވެއެވެ.