Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

މިހަފުތާގެ ތެރޭގައި ޕީޕީއެމްގެ އެތައް ބަޔަކު ޔާމީނާ ދެކޮޅަށް ނިކުންނަތަން ފެންނާނެ: ނާދިރާ

ފޮޓޯ: ރާއްޖެއެމްވީ

ޕީޕީއެމްގެ ގިނަ އަދަދެއްގެ ބަޔަކު މިހަފުތާގެ ތެރޭގައި ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ނިކުންނަތަން ފެނިގެންދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނާއިބު ލީޑަރ އަދި މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރއެމް)ގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދެވުމަށް އެމްއާރުއެމްގެ ޓީމް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ނާދިރާ ވިދާޅުވީ މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކަކީ ޕީޕީއެމްގައި ތިބި ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ކުރަމުންދާ ދަތުރުތަކެއް ކަމަށެވެ. މިދަތުރުން ފެނިގެންދަނީ ރައީސް މައުމޫނަށް ތާއީދު ކުރާ މީހުން އެއްގޮތަކަށް ވެސް ރައީސް ޔާމީނަށް ތާއީދު ނުކުރާތަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތާއީދު ނުކުރާ ސަބަބަކީ އަނިޔާވެރިކަން ކަމަށާއި ޕާޓީގެ ތެރޭގައި ހިނގާފައިވާ ކަންކަން އެފަރާތްތަކަށް މިހާރު ސާފުވެގެން ދިއުން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މައުމޫނާ ނުލައި ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން ވަރަށް ސާފުކޮށް މިފަހަރު ރައީސް ޔާމީނަށް އެ ބޭފުޅުން ދައްކާލާނެ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން އަދިވެސް ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށާއި ކިތަންމެ ވަރެއް އަރުވާ ރައީސް މައުމޫން ޕާޓީން ބޭރު ކުރެއްވި ކަމުގައިވީ ނަމަވެސް ޕީޕީއެމްގެ ރައީސެއް ބަދަލު ނުވާ ކަމަށެވެ.

ނާދިރާ ވިދާޅުވީ އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަކީ ރައީސް މައުމޫނަށް ދިން އަނިޔާގެ ބަދަލުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އަދި ހައްޔަރުކޮށްފައިވާ އެހެނިހެން ސިޔާސީ ބޭފުޅުން މިނިވަންވެގެންދާނެ ދުވަސް ކަމަށެވެ. އެކަން މުޅި ރާއްޖެއިން ފެންނަމުން ދާކަމަށާއި ރައީސް ޔާމީނަށް ރައީސް ޔާމީންގެ ސައިޒް މިހާރު ވަރަށް ރަނގަޅަށް އެނގިގެންދާނޭ ކަމަށް ނާދިރާ ވިދާޅުވިއެވެ.

މިފެށުނު ހަފްތާއަކީ ޕީޕީއެމްގައި ތިބި ރައީސް މައުމޫނަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތައް ވަރަށް ހަރަކާތްތެރިކަމާއެކު ފެނިގެންދާނެ ހަފުތާއެއް ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ބޭފުޅުން މިހާރުވެސް ނުކުމެވަޑައިގެންފި. ލ އަތޮޅަކީ އޭގެ ނަމޫނާ އަތޮޅެއް. ހަމަ އެގޮތަށް އެހެން ރަށްރަށުގައި ވެސް. އަޅުގަނޑުމެން މިކުރި ދަތުރުތަކުގައި އަޅުގަނޑުމެންނާ ބައްދަލުކުރޭ. އެ އެކްޓިވްނެސް މިހަފުތާގެ ތެރޭގައި ވަރަށް ބޮޑަށް ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ މިއީ ވަރަށް ރަނގަޅު ބަދަލެއް. މިބަދަލު ފެނިގެންދާނީ ދިވެހިރައްޔިތުންގެ އުއްމީދާ ގުޅިގެން ދިވެހި ރައްޔިތުންނަށްޓަކައި މިއަންނަން އުޅޭ ސަރުކާރާއެކު ވާކަން" ނާދިރާ ވިދާޅުވިއެވެ.

މި ޓީމް އިންތިހާބުގެ ކުރިން ގއ އަދި އައްޑޫ އަތޮޅާއި ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.