Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ކޮރަޕްޝަން ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން: ރައީސް ޔާމީން

އެމްއެންޔޫގެ ބަހުސްގައި ރައސް ޔާމީން ވާހަކަ ދައްކަވަނީ. ފޮޓޯ: މިހާރު

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ދައުލަތަށް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމީ ޔުނިވާސީޓީން އިންތިޒާމް ކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުގެ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.

މިއީ ރާއްޖޭގައި ބަހުސެއްގައި އެންމެ ފަރާތަކުން ބައިވެރިވެގެން ކުރިޔަށް ގެންދެވުނު ފުރަތަމަ ފަހަރެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ އަދީބު ކަމަށް ވާއިރު، ފަހުން އޭނާ އަށް ނައިބު ރައީސްކަން ދެއްވިއިރު ވެސް އެ ހިޔާނާތުގެ ކަންކަން ރައީސް ޔާމީނަށް އޭރު އެނގިވަޑައިނުގަތުމަކީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅީގެ މައްސަލައެއްތޯ، ބަހުސްގެ މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ އެއީ ނިޒާމުގެ މައްސަލައެއް ކަމަށާއި، އެ ކަހަލަ ކަމެއް ކުރިކަން ނިޒާމުގެ ތެރެއިން އެނގުނު ނަމައެ ވަޒީރު ވަޒީރުކަމުގައި ވެސް ނުހުންނާނެ ކަމަށެވެ.

އެ މައްސަލަ ތަފްސީލު ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި އިރު ދައުލަތުގެ ނިޒާމް ހުރި ގޮތުން އެ ވައްކަން ހުއްޓުވުމުގެ ފުރުސަތު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަދި މަރުކަޒީ އިދާރާ އެމްއެމްއޭ އަށް ވެސް ލިބިފައި ނެތް ކަމަށެވެ.

"…ހިޔާލަށް ގެންނަވާ، ކުންފުންޏަކުން އެހެން ކުންފުންޏަކަށް ދޭ ޗެކެއް ސަރުކާރުގެ ތެރެއަކަށް ނުވަންނާނެ. ކްލިއާ ކޮށްގެން ވަންނާނީ. އެހެންވީމާ އެމްއެމްޕީއާރްސީ އަށް ޗެކުން މީހަކު ދައްކާ ފައިސާ އޭގައި ކައުންޓާ ސައިން ކޮށްފައި މި ޑިޕޮސިޓް ކުރަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށް. އެކަން ސަރުކާރުގެ އެހެން ވުޒާރާ އަކަށް ޑިޕާޓްމަންޓަކަށް އެނގޭނެ ގޮތެއް ނޯންނާނެ. އެ އަދި މީރާ އަކަށް ވެސް އެނގޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުންޏަކަށް ލިބެން ޖެހޭ ޗެކެއް އަމިއްލަ ކުންފުންޏަކަށް ޖަމާ ކުރުމަށް އެދުމުން އެކަމާ ސުވާލު ނުއުފެއްދުމަކީ ނިޒާމުގެ މައްސަލައެއް ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެފަދަ ކޮރަޕްޝަންތައް ހުއްޓުވުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާ އެއްކަމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެފަދަ މައްސަލައެއް ނުބެއްލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ ރައީސަށް ރައީސްގެ ގޮނޑީގައި އިނދެގެން ބެލޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.