ދަރުމަވަންތަ ހޮސްޕިޓަލް އެޅުމާއި ސިނަމާލެ ބްރިޖް އެޅުން ފަދަ މަޝްރޫއުތައް އެއަށްވުރެ އަގު ހެޔޮކޮށް ފަހަރެއްގައި އެޅިދާނެ ކަމަށާއި އޭރުން އޭގެ ކޮލިޓީ ކޮމްޕްރޮމައިސް ވާނެ ކަމާމެދު ޝައްކެތްނެތް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއީ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަށް ހަމަ ނޫން އަގުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމާއި ސިނަމާލެ ބްރިޖް އެޅުން ފަދަ މަޝްރޫއުތައް ހިންގި ކަމަށް ކުރާ ތުހުމަތުތަކަށް ދެއްވާފައިވާ ރައްދެކެވެ.
އެ މަނިކުފާނު މިގޮތަށް ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ދިވެހި ގައުމީ ޔުނިވާސީޓީން އިންތިޒާމް ކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެ އަށް ވުރެ އަގު ހެޔޮކޮށް [ދަރުމަވަންތަ ހޮސްޕިޓަލް] އަޅާ ކަމަށް ވާ ނަމަ އެޅިދާނެ ކަން ނޭނގޭ. އެކަމަކު، އޭގެ ކޮލިޓީ ކޮމްޕްރޮމައިސް ވާނެ ކަމާ ދޭތެރޭ ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.
"ދެން އޮތީ ބްރިޖުގެ ވާހަކަ. ބްރިޖަށް ވެސް އެކި އަދަދުގެ ފައިސާ އެކި މީހުން ކިޔާފާނެ. ކާކުތޯ ސައިންޓިފިކަލީ މިކަން ކުރީ. އަދި ބްރިޖު އަޅަން މިހާ ވަރަށް ފައިސާ ދާނެއޭ ބުނާ މީހުންނަކަށް ނޭންގޭނެ ބްރިޖު އެޅުމަށްޓަކައި ޕައިލް ޑްރައިވް ކުރަން ޖެހެނީ ކިހާ ފުން މިނަކަށްތޯ ވެސް. އެހެންވީމާ އެ ފުންމިނާއި އެ ތަނުގައި ހުރި ޓައިޑުގެ އުނދަގޫ ކަމާއި އެ ތަނބުތައް ހަރުލަން ކުރަންޖެހޭ މަސައްކަތް ނުހަދައި ކިހިނެއްތޯ އެނގޭނީ މި ބްރިޖު ހެދޭނެކަން 79 މިލިއަން ޑޮލަރަށް،" ރައީސް ވިދާޅުވި އެވެ.
އެ ބަހުސްގައި ރައީސް ވަނީ އިޖްތިމާއި މައްސަލަތަކާއި އިގްތިސާދީ މައްސަލަތަކާއި ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ޖިނާއި ކުށްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.