Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ބަހުސަށްފަހު އަލީ ވަހީދުގެ ފާޑުކިޔުންތައް ރައީސް ޔާމީނަށް

ގައުމީ ޔުނިވާސީޓީން އިންތިޒާމް ކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" އަށްފަހު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބަހުސް ހިނގި ތަނުގެ ފޮޓޯއެއް ޝެއަރ ކުރައްވާ އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވަނީ އެ ފޮޓޯއަށް އަމާޒު ކުރައްވާ އެތަނުން ފެނިވަޑައިގަންނަވަނީ ކެމެރާމަނަކާއި، ބޮޑީގާޑަކާއި، ރައީސް ޔާމީނާއި ހުހަށް ހުރި ޕޯޑިއަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފަސް އަހަރު ކުރެއްވި ވެރިކަން އެއް ފޮޓޯއަކުން ރައްޔިތުންނަށް ވަރަށް ސާފުވާނެ މަންޒަރެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އިތުރަށް އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީނާއި އެކު ބަހުސް ކުރި އެންމެން ވީ ޖަލުގައި ކަމަށެވެ. މާދަމާ އިރު އަރާއިރު ޔާމީނާއި ޖެހިގެން ހުރި ޕޯޑިއަމްވެސް ޖަލަށް ނުލާނެ ކަމެއް ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ކެމެރާމަނަކާއި، ބޮޑީގާޑަކާއި، ތިމާއާއި ހުހަށް ހުރި ޕޯޑިއަމަކާ! ފަސް އަހަރު ކުރި ވެރިކަން އެއް ފޮޓޯއަކުން ރައްޔިތުންނަށް ވަރަށް ސާފުވާނެ މަންޒަރެއް. ތިމާ ބަހުސް ކުރި އެންމެން ވީ ޖަލުގަ. މާދަމާ އިރު އަރާއިރު ތިމަންނައާއި ޖެހިގެން ހުރި ޕޯޑިއަމްވެސް ޖަލަށް ނުލާނެ ކަމެއް ނޭނގެ. ގުޑް ނައިޓް" އަލީ ވަހީދު ވިދާޅުވިއެވެ.