Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ގްރީން ސްޓްރީޓްސް އިން އުފުލާލަނީ. --ފޮޓޯ: އަވަސް.އެމްވީ

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޔޫތު ޗެމްޕިއަންޝިޕު ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ބަލިކޮށް ކްލަބު ގްރީން ސްޓްރީޓްސް އިން މިއަހަރުގެ މުބާރާތް ކާމިޔާބު ކޮށްފިއެވެ.

ގްރީން ސްޓްރީޓްސް އިން މިމެޗު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އީގަލްސް 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ކުރިން، 21 އަހަރުން ދަށުގެ ކެޓަގަރީއަށް ހާއްސަކޮށް ބޭއްވި މިމުބާރާތަށް ބަދަލު ގެނެސް މިއަހަރުގެ މުބާރާތް ބާއްވާފައި ވަނީ، 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެންނެވެ.

މިމުބާރާތުގައި ހަތަރު ޓީމު ވާދަ ކުރުމުން، ކުރިއަށް ގެންދިޔައީ ލީގް އުސޫލުން ދެ ބުރަކަށް ބާހާލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމު ފަރާތުން ވެސް ހަލުވި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު ލަނޑު ޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެހެންނަމަވެސް މިހާފުގައި ގޯލެއް ކާމިޔާބުކުރެވޭގޮތް ވަނީނުވެފައެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ގޯލެއް ފެނިގެން ނުދިއުމުގެ ސަބަބުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގްރީން އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ނާކާމިޔާބު ވީ އެންމެ ޕެނަލްޓީ އެކެވެ. އެ ޓީމުގެ މުހައްމަދު ޝަފްރާޒް ޖެހި ޕެނަލްޓީ އީގަލްސްގެ ކީޕަރު ޖިނާހް ހާރޫން ސޭވް ކުރީ އެވެ. އީގަލްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން، ދެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެގޮތުން، އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ އާއި އިސްހާގު ރަޝީދު ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ކްލަބު އީގަލްސްގެ ހައިޝަމް ހަސަން އާއި ކްލަބް ގްރީންގެ ކެޕްޓަން މޫސާ އަޒީމް ހަސަން އަދި ނިއު ޜޭޑިއަންޓް ސްޕޯޓްސްގެ ޖައިޝަމް ނާފިޒްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނު ގްރީންގެ ކީޕަރު މުހައްމަދު ޒަޔާން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ގްރީން ސްޓްރީޓްގެ އަލީ ހަސަން 'އައްޔަ' ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކީ ނިއު ރޭޑިއަންޓެވެ.