Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

މެސީގެ ހެޓްރިކުން ބާސާ މޮޅުވިއިރު އިންޓާ، ފަހަތުން އަރައި ސްޕާސް ބަލިކޮށްފި

މެސީ ހިލޭ ޖެހުމަކަށް ހުއްޓިލައިގެން؛ ފޮޓޯ -ބާސެލޯނާ

ރޭ މިސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަށާފައިވާއިރު ބާސާ އާއި ޕީއެސްވީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ބާސާ ކާމިޔާބުކޮށްފިއެވެ. ކޭމްޕް ނޫ ގައި ކުޅުނު މިމެޗުން ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ ކެޕްޓަން ލިއޯ މެސީއެވެ.

މެޗުގެ ފުރަތަމަ ލަނޑު ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކޮށްފައިވާއިރު ދެވަނަ ގޯލު އުސްމާން ޑެމްބެލޭ ޖަހާފައިވަނީ ފަހު ހާފުގައި، 74 ވަނަ މިނެޓުގައެވެ. ކައިރި ކައިރީގައި މެސީގެ އިތުރު ދެ ލަނޑު ފެނިގެން ގޮސްފައިވާއިރު ރޭގެ މެޗުގައި ބާސާގެ އުމްޓިޓީއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ.

ރޭ އިންޓަ މިލާނާއި ޓޮޓެނަހްމް ހޮޓްސްޕާސް ބައްދަލުކުރި މެޗު ފަހަތުން އަރައި 1-2 އިން އިންޓަ ކާމިޔާބުކޮށް، ސްޕާސް ސިއްސުވާލައިފިއެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެއެވެ.

ކްރިސްޓިއަން އެރިކްސަން ޓޮޓްނަމަށް ލީޑު ނަގާދިނީ މެޗުގެ 53 ވަނަ މިނެޓުގައެވެ. މިމެޗުގެ ނަތީޖާ އިންޓާއިން އެއްވަރު ކޮށްފައިވަނީ 85 ވަނަ މިނެޓުގައި، އިކާޑީ ޖެހި ގޯލަކުންނެވެ. ޓޮޓެންހަމް ބަލިވެފައިވަނީ 90 މިނެޓު ހަމަވެ، އިންޖަރީ ވަގުތުކޮޅުގައި ވެސީނޯ ޖެހި ގޯލަކުންނެވެ.

މިއީ ޓޮޓެންހަމް އެންމެ ފަހަކަށް ކުޅުނު ތިން މެޗުން ބަލިވީ ތިންވަނަ ފަހަރެވެ. ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށް ފަހު އިންޓަ އަތުން ބަލިވުމުން ޕޮޗެޓީނޯއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.