މާފުށީ ޖަލުގައި ކުއްލި ހާލަތު އިއުލާން ކޮށް، ގައިދީންގެ ވަކީލު ބައްދަލުވުންތައް ކެންސަލް ކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާއި ހަވާލާ ދެއްވާ ދިވެހި އޮންލައިން ނޫސް ވީއެފްޕީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މާފުށީ ޖަލުގައި ކުއްލި ހާލަތު އިއުލާން ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އެހާލަތު އިއުލާން ކުރި ސަބަބު ކުރިއަށް އޮތްތާ ނޫސްވެރިންނާ ހިއްސާ ކުރާނެ ކަމަށް މީޑީއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މާފުށީ ޖަލުގައި އިއުލާން ކުރެވުނު ކުއްލި ހާލަތު ދެމި އޮންނާނީ ކިހާ ދުވަހެއް ވަންދެންތޯ ކުރެއްވި ސުވާލަށް ކަރެކްޝަންސްގެ މިޑިއާ އޮފިޝަލް ވިދާޅުވީ އެމައުލޫމާތު ވެސް ކުރިއަށް އޮތްތަނުގައި އާއްމުންނަށާއި ނޫސްވެރިންނަށް ހިއްސާ ކުރާނެ ކަމަށް ކަމުގައި ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މާފުށީ ޖަލުގައި ކުއްލި ހާލަތު އިއުލާން ކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޖަލުގައި ކުއްލި ހާލަތު އިއުލާން ކުރި އިންތިހާބާ ގުޅިގެން ނޫން ކަމަށެވެ.
އިންތިހާބާ ދިމާކޮށް މާފުށީ ޖަލާއި އައްސޭރި ޖަލު އަދި މާލޭ ޖަލުގެ ވެރިން ވެސް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.