މާދަމަށް ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއަށް ޖައްސާ މަތިންދާ ބޯޓު އޭ-380 ގައި ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމު، މާދަމާ މާލެ ގެނައުމަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގައުމީ ޓީމު އައުމަށްވަނީ ހަމަޖެހިފައި ވަނީ އޭ-380ގައި ގައެވެ. އަދި ޓީމު މާލެއަށް ދާނީ ބުރިޖް ހުރަސްކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭގައި ހުޅުވުމުގެ ގޮތުން މާދަމާ ޖެއްސުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓް މަރުކާ އޭ380 ގެ އިއްތިހާދު އެއާވޭޒްގެ މަތިންދާބޯޓެކެވެ. އެ ބޯޓުގެ ދުއްވާނީ، ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހްސަން އެވެ.
އެމްއޭސީއެލުން ބުނީ އާ ރަންވޭ ހުޅުވައި އޭ-380 ޖައްސާއިރު ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.
އާ ރަންވޭ ހުޅުވައި ފުލައިޓް ޖައްސާނީ ހަވީރު 3.30 ގައެވެ. އަދި މި ފުލައިޓް އަންނާނީ އަބޫ ދާބީން ކަމަށާއި، އެއީ ޝެޑިއުލް ފުލައިޓެއް ކަމަށްވެއެވެ. އާ ރަންވޭ ހުޅުވުމާއެކު ލޯ ފުލައި ޕާސްއެއް ދިނުމާއި، ކަލްޗަރަލް ރިސެޕްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ އިތުރުން އެމްއެންޑީއެފްގެ ޕެރަ ޖަމްޕްއާ އެއާޝޯއެއް ބާއްވަން ރާވާފައިވާކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާ ދެއްވާ ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.