Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް މަހްލޫފް ގޮވާލައިފި

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް އަންނާނީ އޭ-380 ގެ މަތިންދާ ބޯޓުގައި ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަށް އިޝާރާތް ކުރައްވާ އެއީ އުފާވެރި ޚަބަރެއް ކަމަށާއި ބޮޑު ފްލައިޓް ޖައްސާއިރު ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައިފިއެވެ.

ސޯޝަލް މީޑިއާ ފޭސްބުކްގައި މަހްލޫފް ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވެފައިވަނީ އުފާވެރި ޚަބަރެއް ކަމަށާއި ދެން އޮތީ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. ޓީއެމްއޭގެ ހުރިހާ ހޭންގާ ތަކާއި ޓާމިނަލްތައް މާދަމާ ފްލައިޓް ޖައްސާ ވަގުތު ހުސްކުރަން ވަނީ އަންގާފައި ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭގައި ހުޅުވުމުގެ ގޮތުން މާދަމާ ޖެއްސުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓް މަރުކާ އޭ380 ގެ އިއްތިހާދު އެއާވޭޒްގެ މަތިންދާބޯޓެކެވެ. އެ ބޯޓުގެ ދުއްވާނީ، ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހްސަން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއޭސީއެލުން ބުނީ އާ ރަންވޭ ހުޅުވައި އޭ-380 ޖައްސާއިރު ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

މަހްލޫފް ވަނީ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ގޮވާލާ ކަމަށާއި، އަދި އެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ވެސް ގޮވާލާކަމަށް ސްޓޭޓަސް ގައި ވިދާޅުވެފައެވެ.