ޕީޕީއެމުން އެޕާޓީގެ ރަސްމީ ސައިޒު ދައްކާލަން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާއަށް އައްޑުއިން މީހުން ގެންނަން ފްލައިޓެއް ޗާޓަރުކޮށް، ހިލޭ ދާން ބޭނުން މީހުންނަށް އެފުރުސަތު ދީފިއެވެ.
ސައިޒު ދައްކާލަން ޕީޕީއެމުން ޗާޓަރު ކޮށްފައިވަނީ މޯލްޑިވިއަންގައި ބޭނުން ކުރާ އެންމެ ބޮޑު މަތިންދާބޯޓު، އޭ 320 ބޯޓެވެ. މިޖަލްސާއަށް މީހުން ގެނައުމަށް ދެ ދަތުރު އަޅަން ހަމަޖެހިފައިވާއިރު މިއަދު ހެނދުނު އެއް ބޯޓު ވަނީ މީހުންނާ އެކު ފުރާފައެވެ.
ރަށް ރަށުން މީހުން ގެނައުމަށް މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ މާދަމައަށް ފަސްކޮށްފައިވާއިރު ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ޖަލްސާގައި ރަށް ރަށުން މީހުން ގެނެސްފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އަދި އެ ޖަލްސާގައި މާލެއިން ބައިވެރިވާނެ ޒުވާނުންކޮޅެއް ނުލިބުނު ކަމަށާއި އެއިން ދައްކުވައި ދެނީ ޒުވާނުން ތިބީ އެމަނިކުފާނާ އެކު ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައިވެއެވެ.
އައްޑޫ އިން މިޖަލްސާގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން ފުރާފައިވާއިރު ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ވަނީ ހިލޭ މާލެ ދިއުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.