Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

ފޮޓޯ: ދަޕްރެސް

ރާއްޖޭގައި ގާއިމް ކުރެވިފައިވާ ލާމަރުކަޒީ ނިޒާމަކީ ރާއްޖެފަދަ ގައުމަކަށް އެންމެ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އެމަނިކުފާނު އެކަނި ބައިވެރިވެވަޑައިގެންނެވި ރިޔާސީ ބަހުސްގައި ހުށަހެޅުންތެރިޔާ ޑރ. އިބްރާހީމް ހަސަން ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށޭނަ ނިޒާމުކަމަށް ގަބޫލު ކުރައްވަންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހިންގަން އުޅުއްވައިގެން ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިވުން ކަމަށެވެ.

ރައްޖޭގެ ދައުލަތަކީ "ޔުނިޓަރީ" ދައުލަތެއް ކަމަށާއި، އޭގެ މާނައަކީ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރު ހުރިހާ ތަނެއްގައި ހިންގެންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް. އޭގެ މާނައަކީ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރު މައުރޫފު ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ހިނގަން ވާނެ. މަސްއޫލިއްޔަތުތައް ޝެއާ ކޮށްގެން ދައުލަތް ހިންގޭނެ ހާލަތެއްގައެއް ނޫން އޮތީއެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްވެސް ރަށެއް އިސްތިސްނާ ނުކޮށް ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އަޅާފައިވަނީ އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުންގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރަނގަޅު ނިޒާމެއް ކަމަށާއި، ނަމަވެސް އިންތިހާބު ކުރެވޭ ކައުންސިލަރުންގެ ކިބައިގައި މަސްއޫލިއްޔަތުތައް ނެގޭ މިންވަރަށް "މެޗިއުރިޓީ" ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މެޗުއިރިޓީ ނައިސް މިހާރު މި އޮތް ވާދަވެރިކަމުގެ ތެރެއިން މުޅި ރަށެއްގެ ރައްޔިތުންނަށް ލިބެންވާ ތަރައްގީއިން އެ ރައްޔިތުން ބީކޮށްލަން މިހާތަނަށް މަސައްކަތް ކޮށްފައި އޮތީ. މަސްއޫލިއްޔަތުތައް މި ދެންނެވި ގޮތަށް ޝެއާކޮށް ލާމަރުކަޒީ ނިޒާމު ހިންގޭނީ މި މެޗިއުރިޓީ އައިސްގެން ރައްޔިތުންގެ މަސްލަހަތަކީ އެއީ ޕާޓީގެ އައިޑިއޮލޮޖީއެއްގެ މައްޗަށް ބޭނުން ކުރާނަމަ ލާމަރުކަޒީ ނިޒާމު ހިނގާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމު މިހާރު ތަންފީޒުވަމުންދާ ގޮތަށް ކަންކަން ދަނީނަމަ، ލާމަރުކަޒީ ނިޒާމަކީ ތަރައްގީގެ މަޝްރޫއުތައް ގެންނަން ފެއިލްވެފައި އޮތް ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމު މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތަށް ޖާގަ ދީގެން އެންމެންނަށް މަސައްކަތް ކުރަން ދަސްވި ދުވަހަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ލާމަރުކަޒީ ނިޒާމު ފެއިލްވެފައިވާ ކަމަށާއި، މިއީ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރު ހިންގެންވާނެ ދައުލަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.