ރާއްޖޭގައި މި އޮތް ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތައް ކުރެވޭ ގޮތަށް، ނިޒާމަށް ބަދަލުތައް ގެނައީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ މީގެ ކުރިން ދައުލަތަށް ލިބޭ އާމްދަނީ ޖަމާކުރަމުން އައީ އެއް އެކައުންޓަކަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިން އޮތްގޮތް ބަދަލުކޮށް ދައުލަތަށް ލިބޭ އާމްދަނީ އެކި އެކައުންޓްތަކަށް ޖަމާކުރާ ގޮތަށް ހެއްދެވި ކަމަށް ވިދާޅުވިއެވެ. އެހެން ހެދުމުން ކޮރަޕްޝަން ހިންގަން ފުރުސަތު ބޮޑުވެގެން ދިޔަކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ނިޒާމުގައި މައްސަލަތައް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
"ނިޒާމުގައި ހުރި މައްސަލަތައް އިސްލާހުކޮށް ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިހްލާސްތެރިކަމެއް ފެންނަން ނެތް. ކޮރަޕްޝަން ހިންގޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ މިވެެރިކަމުން" މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ އެކަން ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައުލޫމާތު ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމް ހިއްސާ ކުރެއްވުމުން، އެމަގާމުން އޭނާ ވަކިކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމުން އެކަން ކުރި ބޭންކުގެ މުވައްޒަފަށް ދައުވާކޮށް އޭނާ ވަޒީފާއިން ވަކިކުރީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދިވެހި ގައުމީ ޔުނިވާސީޓީން އިންތިޒާމް ކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުގެ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ އަދީބު ކަމަށް ވާއިރު، ފަހުން އޭނާ އަށް ނައިބު ރައީސްކަން ދެއްވިއިރު ވެސް އެ ހިޔާނާތުގެ ކަންކަން ރައީސް ޔާމީނަށް އޭރު އެނގިވަޑައިނުގަތުމަކީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅީގެ މައްސަލައެއްތޯ، ބަހުސްގެ މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ އެއީ ނިޒާމުގެ މައްސަލައެއް ކަމަށާއި، އެ ކަހަލަ ކަމެއް ކުރިކަން ނިޒާމުގެ ތެރެއިން އެނގުނު ނަމައެ ވަޒީރު ވަޒީރުކަމުގައި ވެސް ނުހުންނާނެ ކަމަށެވެ.