ވޯޓު ލާން ދާ މީހުން އިނގޭ އެޕެއް ތައްޔާރުކޮށްފި ކަމަށް ބުނެ އެމްޑީޕީން މަސައްކަތް ކުރަނީ ބިރުދައްކަން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، އެފަދަ ޓެކްނޮލޮޖީއެއް ހަދާފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޓެކްނޮލޮޖީއެއް ނޯންނާނެ ކަމަށެވެ. އެކަމަކީ އާންމުކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށްވާ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިވަރުގެ އެޕެއް އެމްޑީޕީއަށް ތައްޔާރު ކުރެވުނު ނަމަ އެޕަލް އެންޑްރޮއިޑް ކަހަލަ ބޮޑެތި ޕްލެޓްފޯމްތަކުން ބޮޑެތި ގައުމުތަކުން ސޮފްޓްވެއާ ބިލިއަނުން ޑޮލަރު ދީފައި ގަންނާނެކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރަނީ އެއްވެސް ކަމެއްވެގެން ނޫންކަމަށާއި، އެއީ ވޯޓުލާ ސަރަހައްދުގައި ތިބި މީހުންގެ ހިތަށް ބިރުވެރިކަން ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"އެއްވެސް ކަމެއްވެގެން ނޫން މި އުޅެނީކީ. މިއީ ބިރުވެރިކަން ގެނައުމަށްޓަކައި ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ކަނޑައެޅިގެން ދޫކޮށްލި ދޮގު ހަބަރެއް މިއީ. އެއްވެސް ގޮތަކަށް ތަރުތީބު ކުރުވަނިވި އެއްެވެސް އުސޫލަކުން ތަނަކުން ހިނގާފައި އަންނަ ކިޔުގައި ތިބި ބަޔަކު ވޯޓު ދޭނެގޮތް މޫނުމައްޗަކުން ނުވެސް އިނގޭނެ. އެތިއްބެވި ހިސާބަކުން އެ ތިއްބެވި ޕްރޮފެސަރުން އަދި އެ އުޅުއްވަނީ ވަރަށް އިހުޒަމާނުގައި. ކާހިނުން އުޅުނު ޒަމާނު ކަހަލަ ވާހަކައެއް މި ދައްކަނީ." ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ވޯޓަށް ނުފޫޒު ފޯރުވަން އެމްޑީޕީން އެކުރާ މަސައްކަތް އެގޮތަށް އެ ކުރަނީ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް 38 ޕަސެންޓް ވޯޓު ހަމަ ނުވާކަން، އެމްޑީޕީއަށް ކަނޑައެޅިގެން އިނގޭތީ ކަމަށެވެ. ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.