މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތް ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް، ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ރައްދު ދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ރޭ ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ނިޒާމުގެ މައްސަލައެއް ކަމަށާއި ނިޒާމުގައި މައްސަލައެއް ނެތްނަމަ، މިނިސްޓަރު ނައިބު ރައީސަކަށް އައްޔަން ކުރުމުގެ ކުރިން ޚިޔާނާތުގެ މުއާމަލާތްތައް ހާމަވެގެންދާނެ ކަމަށާއި، ވަޒީރުކަމުގެ މަޤާމުގައި ވެސް ދެމިނުހުންނެވޭނެ ކަމަށެވެ.
"އެ ވަޒީރު ނައިބު ރައީސް ކަމުގައި ކީއްތޯ ވަޒީރު ކަމުގައި ވެސް ނުހުންނާނެ އެ ކަހަލަ ކަމެއް ކުރިކަން ނިޒާމުގެ ތެރެއިން އެނގުނުނަމަ. އެމްއެމްޕީއާރުސީއަށް ލިބޭ ޗެކެއް އަމިއްލަ ކުންފުންޏަކަށް ޖަމާ ކުރުމަކީ ނިޒާމުގެ މައްސަލައެއް. ޗެކް ކްލިއާ ކުރާ މީހުންގެ ވިސްނުމަށް އެކަން ނުވުމަކީ ނިޒާމުގެ މައްސަލައެއް. އެއީ ރައީސްގެ މައްސަލައެއް ނޫން. ރައީސަށް ބެލޭނެ ކަމެއް ނޫން އެއީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ނިޔާޒް ވިދާޅުވީ، ރައީސް ޔާމީނަކީ ދޮގުވެރިއެއް ކަމަށާއި، އެ ޚިޔާނާތުން ރެކިވަޑައިގެންނެވޭނެ ހަމަ އެއްގޮތެއް ވެސް ރައީސް ޔާމީނަށް ނޯންނާނެ ކަމަށެވެ.
ނިޔާޒް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ރައީސް ވާހަކަފުޅު ދެއްކެވީ ރައްޔިތުންނަށް އޮޅުވާލައި، އެމަނިކުފާނަކީ "މައުސޫމް" ބޭފުޅެއް ކަން ދެއްކެވުމަށް ކަމަށާއި، އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ ކަންކަން އޭރު ކުރަމުން އައީ ޓޫރިޒަމް މިނިސްޓްރީ އާއި މީރާ އިން ކަމަށް ވިޔަސް، ޓޫރިޒަމް ޕްރޮމޯޓްކުރަން އުފެއްދި އެމްއެމްޕީއާރުސީގެ ދަށަށް އެ ހުރިހާ ކަމެއް ބަދަލުކުރީ ވެސް މި ސަރުކާރުގައި ކަމަށާއި، އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް މަގުފަހިވި ކަންކަން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
އަދި ނިޔާޒް ވިދާޅުވީވަޒީރަކު އާދަޔާ ޚިލާފަށް ފައިސާ ގެންގުޅުއްވައި ޕާޓީ އަށާއި މަޖިލީހުގެ މެމްބަރުންނާއި އެހެން ވެސް ސަރުކާރުގެ ކަންކަމުގައި ޚަރަދުކުރައްވާއިރު، އެއީ ކޮން ތަނަކުން ހޯއްދަވާ ފައިސާއެއްތޯ ބެއްލެވުމަކީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ނިޔާޒް ވިދާޅުވީ ދުނިޔޭގައި އަމަލުކުރަމުން އަންނަ އާއްމު އުސޫލަކީ ރައްޔިތުންގެ މަޖިލިސްތަކުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ހުރުން ކަމަށް ވުމާ އެކު ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ރާއްޖޭގައި ވެސް އެ އުސޫލު ހިފެހެއްޓި ކަމަށާއި، އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ މާލިއްޔަތުން ހިންގާ ޚަރަދުތަކާއި މައްސަލަތަކަށް އޭރެއްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.
އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު، މަޖިލީހުގެ 'ނާޖާއިޒު ނުފޫޒު'ގެ ބޭނުން ހިއްޕަވައިގެން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމަށް އެމަނިކުފާނުގެ ޕާޓީގެ ޕީޖީ ލީޑަރު ހަމަޖެއްސެވި ކަމަށާއި، އޭގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފުރުސަތުތައް ބަންދުކުރުން ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
އޮޑިޓް ގާނޫނަށް އިސްލާހު ގެނެސް، ކުރިން އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ނިޔާޒް މަޤާމުން ވަކިކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރަން ފެށުމުންނެވެ.