Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ބިރުދެއްކުން އިންތިހާއަށް ދިޔުމުން ފެނަކަ ހިތަދޫ މުވައްޒަފުން ރުޅިގަދަވެފައި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރުދެއްކުން އިންތިހާއަށް ދިއުމުން އެ މުވައްޒަފުން ފާޅުގައި އެކަމާއި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހުން އިންޖީނުގޭގެ މުވައްޒަފުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި "އިބޫއަށް ތާއީދުކުރާ ބަޔަކު ތިބިއްޔާ ގެއަށް ދިއުމަށް" ވަނީ އަންގާފައެވެ.

އަދި އެގޮތުން ސަރުކާރާއި އިދިކޮޅު ހިޔާލުގެ މުވައްޒަފުން "ފިއްތައިގެން" ތިބުމަށް ވެސް ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ މުއާޒު ހަލީމް އަންގާފައިވާ ކަމަށް ވެއެވެ.

"ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން މިވެރިން ކެމްޕެއިން ކަޑަވެ އެވާހަކަ ދެއްކީމާ އޮފީހަށް އައިސް ރުޅިގަނޑު ބޭލީ މުވައްޒަފުންނަށް. ކޮން ބިރެއްތޯ ދެއްކޭނީ. ބިރު ދައްކައިގެން ތާއީދު ލިބޭތޯ" ފެނަކަ އިންޖީނުގޭގައި މަސައްކަތް ކުރާ ޓެކްނީޝަނަކު ބުންޏެވެ.

މުވައްޒަފުންނަށް ބިރުދެއްކުން އިންތިހާއަށް ދިއުމުން އިއްޔެގެ ވަގުތެއްގައި ފެނަކަ އައްޑޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުން ހިންގާ ވައިބަރ ގްރޫޕުން ވެސް މުއާޒު ވަނީ ބޭރުކޮށްފައެވެ.

މުއާޒު ވައިބަރ ގްރޫޕުން ބޭރުކުރީ މުވައްޒަފުން އަމިއްލަ އަށް ހިންގާ ގްރޫޕްގެ ނަން ބޭނުން ކުރަން ޖެހޭނެ ގޮތާއި ބެހޭގޮތުން އަމުރު ކުރަން ފެށުމުން އެކަމާއި މުވައްޒަފުން ހިތްހަމަ ނުޖެހިގެންނެވެ.

އައްޑޫގައި ފެނަކަ އިންޖީނުގޭގެ ކަންތައް ހިންގުމާއި ހަވާލުވެ ހުންނަވަނީ ޑިރެކްޓަރ އާސިމެވެ. އެހެން ނަމަވެސް މިވަގުތު އެބޭފުޅާ ހުންނެވީ ޗުއްޓީއެއްގައެވެ.