Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އިދިކޮޅު ޕޯސްޓަރުތަކަށް އަނެއްކާވެސް ފުލުހުންގެ ހަމަލާއެއް!

ހއ. އިހަވަންދޫ ގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި ބަޔަކު ހަމަލާދީ ގެއްލުންދޭ ވީޑިއޯއެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އިހަވަންދޫގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތަކެއް ދެ ފުލުހަކު ވެގެން ވީދާލާ ހަލާކުކޮށްލާ މަންޒަރެވެ.

ފުލުހުން މިގޮތަށް އަމަލު ކޮށްފައިވަނީ ދާދި ފަހުން ތުޅާދޫގައި ދަމާފައި ހުރި އިދިކޮޅު ފަރާތްތަކުގެ ބެނާއެއް ވެސް ކަނޑާލާފައި ވަނިކޮށެވެ. އިއްތިހާދުގެ ކެންޑިޑޭޓްގެ ސްޕޯކްސްޕާސަން، މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވަނީ ފުލުހުންގެ މިއަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާރިޔާ މީގެ ކުރިން ދިން ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ ގެއްލުން ލިބެނީ ހަމައެކަނި އެބޭފުޅުންގެ ޕޯސްޓަރުތަކާއި ކެމްޕޭނު ބެނާތަކަށް އެކަނި ކަމަށެވެ. ޕީޕީއެމްގެ ބެނާތަކާއި ޕޯސްޓަރުތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި މިއީ އިއްތިހާދުގެ ކެމްޕޭނަށް ހުރަސް އަޅަން ކުރާ ކަމެއް ކަމަށް ވެސް މާރިޔާ ވަނީ ތުހުމަތުކޮށްފައެވެ.